ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާދަމާ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ 25 އިން 27އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ 7 ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި، އޮގްޒާވާ ރިސަރޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޖިލީހުން ވިދާޅުވެއެވެ.

