ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުކުމެ ވަޑައިގެންފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މިވަގުތު އެމްޑީޕީ އަށް ރަނގަޅު ގޮތަކީ ސަރުކާރާއެކީ އެ ޕާޓީ ނުފެތުމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ނުފުއްދޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
“މިވަގުތު މި ޕާޓީ އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ މި ޕާޓީ ނުފެތުން” ނަޝީދު ވިދާޅުވިއެވެ.
މީގެކުރިންވެސް އެމްޑީޕީތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އެހެންނަމަވެސް މިއީ ރައީސް ނަޝީދު ފާޅުގައި ސަރުކާރަށް ތާއީދު ނުކުރެއްވުމަށް ފާޅުގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ގުޅިގެން ޕާޓީތެރެއިން ދެފެކްޝަނެއް އުފެދި އެޕާޓީ މިވަނީ ބައިބައިވެފައެވެ. ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުން ދެމެދު ވާދަވެރިކަން ބޮޑުވެ ބަހުގެ ހަމަލާތައް ދެމުންދާއިރު ރައީސް ނަޝީދު މިވަނީ ސަރުކާރާ ދެކޮޅަށް ހުންނެވިކަން ހާމަކޮށްފައެވެ.
ދާދި ފަހުން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި މަސްވެރިންގެ މައްސަލާގައި ވެސް ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ހައްލުކޮށް ނުދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ އާއެއް ގޮތަށް ސަރުކާރުން އަމަލު ނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވެސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެ އެވެ. އަދި އިދިކޮޅު ޕާޓީތަކުން ހުށަހަޅާ ސަރުކާރާ ދެކޮޅު ބައެއް ގަރާރުތަކަށް އެ މެމްބަރުން ތާއީދުކޮށް އެމްޑީޕީން ނެރޭ ވިޕާ ދެކޮޅަށް ވޯޓު ދެ އެވެ. އަދި އެ މައްސަލަތަކަށް ބަހުސް ކުރަން ޖާގަ ދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަންނަ މަހު 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭންގައި ނުސީދާކޮށް ރައީސް ނަޝީދު ދަނީ މަސައްކަތް ކުރައްވަމުންނެވެ. އިންތިއާ ވާދަކުރައްވަނީ ރައީސް ސޯލިހުގެ އިސްބޭފުޅެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.
މިއިންތިޚާބަކީ ދެރައީސުންގެ މެދުގައިވާ ވާދަވެރި އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

