ސަރުކާރުން ޤަރާރުތައް ނެރެ ބިރުދެއްކިޔަސް އިންޑިޔާ އައުޓް ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕީޕީއެމުން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުން ބިރު ދައްކަން ނެރޭ ޤަރާރަކުން "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި ހެންވޭރު ގެއެއްގައި ދަމާފައި ހުރި ބެނާއެއް ފުލުހުން ރޭ ނަގާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤަރާރެއް ނެރެފައެވެ. އެޤަރާރުގައި ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.
މިޤަރާރާއި ގުޅިގެން ފުލުހުން ވަނީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ހަރުކޮށްފައިވާ ބޮޑު ބެނާ އާއި، ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފައިގައި ހަރުކޮށްފައިވާ ބެނާ ނަގާފައެވެ.
އެހެންކަމުން އިދިކޮޅުން ވަނީ އަކުރު ބަދަލުކޮށް "IN DEAR OUT" ޖަހައި އިމާރާތްތަކުގައި ދަމަން ފަށައިފައެވެ. އެގޮތުން ގަލޮޅުގެ ގެއެއްގައި ހަރުކޮށްފައިވާ ބެނާއެއް ފުލުހުން ނަގާފައިވެއެވެ. އޭގެ ފަހުން ރޭގެ އިރާކޮޅުގެ ވަގުތެއްގައިވެސް އިދިކޮޅުން "INDEAR OUT" ޖަހައި ހެންވޭރު ސިލްވަވޭވް ގޭގައިހަރުކޮށްފައި ހުރި ބެނާއެއްވެސް ފުލުހުން ވަނީ ނަގާފައެވެ.
އަކުރުތައް ބަދަލުކޮށްގެން އިންޑިޔާ އައުޓް ބެނާތައް ރޭގަވެސް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައެވެ. ބެނާ ހަރުކުރިތާ އިރުކޮޅެއް ފަހުން ފުލުހުން ވަނީ އެބެނާ ނަގަން އެ އިމާރާތުގެ ވެރި ފަރާތަށް އަންގާފައެވެ. ނަމަވެސް ބެނާ ނަގާފައި ނުވާތީ ފުލުހުން މިއަދު ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ ބެނާ ނަގާނެ ކަމަށް ބެލެވެއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތެއް ސަރުކާރުން ހުއްޓުވަން ޖެހޭ ކަމުގައި ވިދާޅުވެ ރައީސް ސޯލިހު ޤަރާރެއް ނެރުމުން އިދިކޮޅުން ބުނެފައިވަނީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ގަރާރު ބާތިލްކުރަން ކޯޓަށް ދާނެ ކަމަށެވެ.

