ލޯބިވާ ފިރިޔަކު، އޭނާ ދުނިޔެއިން ވަކިވެގެން ދިޔަނަމަވެސް، އަނބިމީހާއަށް އޭނާ ވަކިވެގެން ދިޔުމުގެ އިހްސާސް ނުކުރެވޭނެހެން މަލުގެ ގުލްދަސްތާތަކާއި، ތަފާތު ހަދިޔާގެ ޑެލިވަރީތައް މުސްތަގުބަލުގައި ލިބޭނެހެން އިންތިޒާމް ހަމަޖައްސައި، ހުވަފަތް އަނބިމީހާއަށް ފިރިމީހާ އަބަދުމެ އެކުގައި ވާކަމުގެ އިހުސާސް ވަނީ ގެނެސްދީފައެވެ.
ކައިލާން މިލަރ އަށް ފާހަގަކުރެވުނީ އޭނާއާއި އެކުގައި ވަޒީފާ އަދާކުރާ އެކުވެރިޔަކަށް ވަރަށް ރީތި މަލުގެ ގުލްދަސްތާތައް ތަފާތު ގިނަ މުނާސަބަތުތަކާއި ގުޅުވައިގެން ލިބޭކަމަށާއި، އަދި އޭނާ އެއީ ކާކު ފުނުވާ އެއްޗެއްތޯ އެކުވެރިޔާ ކައިރިން އޮޅުން ފިލުވުމުން އެއީ އޭނާގެ މަރްޙޫމް ފިރިމީހާ އެމީހުންނަށް ޕްރީއޯޑަރ ކޮށްފައިވާ ތަކެތިކަން އެނގިގެން ގޮސްފައިވެއެވެ. މިއާދަޔާ ޚިލާފު ލޯބި ފެނި، ކައިލާންގެ ހިތް ވަރަށް ބޮޑަށް އަސަރުކޮށް، ފޭސްބުކް ޕޭޖް "ލަވް ވަޓް މެޓާސް" ގައި އެކަން އޭނާ ވަނީ ހިއްސާކޮށްފައެވެ.
މިއާދަޔާ ޚިލާފު ލޯބި އަމިއްލަޔަށް ފެނިގެން ދިޔުމުން ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ގޮސްފައިވާކަމުގައި ކައިލާން އޭނާގެ ޕޯސްޓުގައި ލިޔެފައި ވެއެވެ. މީގެ ދެދުވަސްކުރިން އެކުގައި މަސައްކަތްކުރާ އަންހެން އެކުވެރިއާއަށް ލިބިގެންދިޔަ ބޮކޭއަކީ، އޭގެ ދެއަހަރުކުރިން މަރުވެފައިވާ ފިރިމީހާ ދުނިޔޭގައި ހުރި އިރު ޕްރީ އޯޑަރ ކޮށްފައިވާ މާބޮނޑިއެކެވެ. ކައިލާން އޭނާގެ ޕޯސްޓުގައި ލިޔެފައިވަނީ އަސްލު ދިރިއުޅުމުން މިފަދަ ހަޤީޤީ ލޯބިވެރިޔަކު ފެންނާނެކަމަށް މީގެ ކުރިން ޤަބޫލުކުރެވިފައި ނުވާކަމަށެވެ.

ފޮޓޯ: ކައިލަރ މިލަރ / ލަވް މެޓާރސް
ކައިލާން ބުނެފައިވާގޮތުން އޭނާ އެކުގައި ވަޒީފާ އަދާކުރަމުން އަންނަ އެކުވެރިޔާއަށް މަރުވެފައިވާ ފިރިމީހާގެ ފަރާތުން ކޮންމެ ޗުއްޓީއަކާއި، އުފަންދުވަހަކު ތަފާތު ހަދިޔާ އޭނާގެ ކޮންމެވެސް ޚާއްސަ މެސެޖަކާއި ނޯޓަކާއިއެކު ލިބޭކަމަށެވެ. މިގޮތުން ތަފާތު މަލުގެ ގުލްދަސްތާތަކާއި، ތަފާތު ހަދިޔާތަކާއި، ގަހަނާ އާއި އަގޮނޓިފަދަ ތަކެތި ލިބޭކަމުގައި އެކުވެރިޔާ އަށް ހަވާލާދީ ކައިލާން ބުނެއެވެ. ލަފާކުރެވޭ ގޮތުން، ފިރިމީހާ ދުނިޔޭގައި ނެތަސް، ޗުއްޓީ އާއި، އުފަންދުވަސްތަކުގައި ހުވަފަތް އަނބިމީހާއަށް އެކަނިވެރިކަން އިހްސާސް ވިޔަ ދޭން ފިރިމީހާ ބޭނުން ނުވަނީއެވެ.
ކައިލާން ބުނެފައިވާގޮތުން އޭނާ މި ވާހަކަތައް ހިއްސާކުރުމުގެ ބޭނުމަކީ ހަމައެކަނި ތަފާތު ވާހަކައަކަށް ވާތީއެއް ނޫން ކަމުގައެވެ. ހަގީގީ ލޯބީގެ އަދިވެސް ދުނިޔޭގައި ވާކަން އެހެން އަންހެންކުދިންނަށް އަންގައި ދިނުމަށެވެ. ލޯބިވާ އެހެން މީހަކު ނުލިބިދާނެތީ، ދިމާވާކޮންމެ މީހަކާއި ގުޅެން ނުޖެހޭނެކަން މިދެލޯބިވެރިންގެ ލޯބިން އެނގެއެވެ. މިލޯބީގެ ވާހަކައިން، ދުނިޔެއިން ވަކިވެގެން ދިޔަޔަސް، ލޯބި މަރުވެގެން ނުދާނެކަން އެނގިގެންދެއެވެ.
ދުނިޔޭގައި ނެތް އިރުވެސް، އަނބިމީހާ ދެކެލޯބިވާ މިންވަރާއި، އަނބިމީހާ ހިތްހަމަޖައްސައި ދިނުމަށް ކޮށްފައިވާ ތަފާތު ކަންކަން ފެނި އިންޓަރނެޓް ބޭނުންކުރާ ގިނަ ބައެއްގެ ހިތަށް ފުން އަސަރެއް ވަނީ ކުރުވާފައެވެ.
މީހަކު މަތިން ހަނދާން ކުރުމަކީ އުދަނގޫ ކަމެކެވެ. ނަމަވެސް ތިބާ މަތިން ހަނދާން ކުރާ މީހަކު ހުރުމަކީ ނަސީބު ރަނގަޅު މީހަކަށް ނޫނީ ނުވާނެ ކަމެކެވެ. މީހަކު މަތިން ހަނދާން ވުމަކީ، ތިބާގެ ދިރިއުޅުމުގައި ކޮންމެވެސް ޚާއްސަ މީހަކު ވާކަން ނުވަތަ، ދިރިއުޅުމުގެ ވަކިހިސާބަކަށް ތިބާއާއި އެކުގައި ވީ ކަމުގެ ނިޝާނެކެވެ. މިފަދަ ކޮންމެ އުފާވެރިކަމަކާއި، ލޯތްބަކީ ހަނދާންކުރުމަށް، އެންމެ ކަމުދާ އިހްސާސެކެވެ.

