ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދަށު ކޯޓުން ދޫކޮށްލި އިސް ދެމީހުން އަލުން ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މިމަހު 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީި ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާއެވެ. މިދެމީހުންނަކީ މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެމީހުން ކަމުގައި ދައުލަތުން ތުހުމަތުކުރެއެވެ.
ކްރިމިނަލް ކޯޓުން މިދެމީހުން ދޫކޮށްލުމުން ދައުލަތުން ވަނީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. މިމައްސަލައިގައި ހައިކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ދަށސު ކޯޓުގެ ހުކުމް ބާތިލުކުރުމަށްފަހު އެދެމީހުން އަލުން ހައްޔަރުކުރުމަށެވެ.
ހަމައެއާއެކުު އެމީހުން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ދެމި އޮތްކަމަށް ކަނޑައެޅުމުން އެދެމީހުން ޖަލަށް ބަދަލު ކުރެވިގެންދާނެއެވެ. މިދެމީހުން ޖަލަށް ބަދަލު ކުރުމަށް ހުކުމް ކުރީ ހައިކޯޓުގައި މިމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު ހިންގި ޚާއްސަ އޮޕަރޭޝަންގައި 130 ކިލޯގެ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ހުޅުމާލޭ ފަޅުތެެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރައްކާކޮށްފައި ހުއްޓައެވެ. މިތަކެތި އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުއެވެ.

