ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ގެ ހޫނު ރައްދެއް ދެއްވައިފިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ގަލޮޅަށް ވަޑައިގެންފިނަމަ ދިމާކޮށް ބަވައިގަންނަން ޖެހިދާނެ ކަމަށެވެ.
އެމްޑީޕީ ޗެއަރޕާސަންގެ އިިންތިޚާބުގެ ކެމްޕެއިނަށް އިންތިގެ ޓީމުން މިއަދު ހިންނަވަރަށް ވަޑައިގަތުމުން އެރަށު މީހުން ވަނީ އިންތިގެ ޓީމަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އެގޮތުން އެރަށުގައި އިންތިއަށް އެއްވެސް ތާއީދެއް ނެތް ކަމަށާއި ރަށުން ފައިބަން ވަނީ ގޮވާފައެވެ. އެޓީމުގައި ގަލޮޅު އުތުރު ދާއިރާގެމެމްބަރު އީވާވެސް ހިމެނި ވަޑައިގަންނަވައެވެ.
އެހެންކަމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދީފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މީހުން ފޮނުވައިގެން ދިމާކުރެވޭނަމަ ގަލޮޅަށް ރައީސް ސޯލިހު ވަޑައިގަތުމުން ދިމާކޮށްލަން ޖެހިދާނެ ކަމަށެވެ.
“ހިންނަވަރަށް އީވާ ދިއުމުން މީހުން ފޮނުވައިގެން “ބެވީ” ދެން އިބޫ (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް) އަށް ގަލޮޅުން އެހެން ހަދަންވީތަ” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބު ކައިރިވަމުންދާ ވަރަކަށް ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުންނާއި ރައީސް ސޯލިހު ފެކްޝަނުގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. މީގެއިތުރުން ރައީސް ނަޝީދު މިވަނީ ފާޅުގައި ސަރުކާރާއި ދެކޮޅުކަން ހާމަކޮށްފައެވެ.
އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުން ވަރަށް އުނދަގޫ ވާނެ ކަމަށާއި އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާ ގިނަ ގޯސްތައް ހަދާފައިވާ ކަމަށެވެ. އަދި އެ ގޯސްތައް އެއް ބަޔަކު ގަބޫލު ނުކުރާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މިވަގުތު އެމްޑީޕީ އަށް ރަނގަޅު ގޮތަކީ ސަރުކާރާއެކީ އެ ޕާޓީ ނުފެތުމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ނުފުއްދޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

