އަޅުގަނޑުމެންނަށް ކާމިޔާބު ބަޔަކަށް ވެވޭނީ އިސްލާމީ ރިވެތި އާދަތަކުގައި ހިފައިގެން ކަމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުالله ވިދާޅުވެއްޖެއެވެ.
ފައިހަތު މިހެން ވިދާޅުވީ، ގދ.ފިޔޯރީ ކައުންސިލް ފޭސް ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ފިޔޯރީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިހަތު ވިދާޅުވީ، ކާމިޔާބު ބަޔަކަށްވުމަށް އިސްލާމީ ރީތި އާދަތަކުގައި ހިފަންޖެހޭ ކަމަށާއި އިންސާނާގެ ނަފްސް ތާހިރުކޮށް ތަރުބިއްޔަތު ކުރުމަށްޓަކައި އޮތް އެންމެ ކާމިޔާބު ވަސީލަތަކީ ކީރިތި ޤުރުއާން ކަމަށެވެ.
ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތުގެ ވަނަ ހޮވާފައިވާއިރު، އެ މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ މަރިޔަމް ޝާނާ ހާރިސްއެވެ. ދެވަނަ ހޯދާފައިވަނީ މަރިޔަމް ޖަނާން ނަޒީފް އެވެ. އަދި ތިންވަނަ އަަށް ދެ ކުއްޖަކު ވަނީ ހޮވިފައެވެ. މުަޅި މުބާރާތުން ތިންވަނަ ހޯދާފައިވަނީ މަރިޔަމް ހައިފާ ފަތުހީ އާއި ފާތިމަތު އިޝާ އިބްރާހިމެވެ.

ފިޔޯރީ ކައުންސިލް ފޭސް ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ފައިހަތު ވާހަކަފުޅު ދައްކަވަނީ
އަވަށްތަކުގެ ބައިން މި މުބާރާތުން އެއްވަނަ ހާސިލް ކޮށްފައިވަނީ ޗާންދަނީ އަވަށެވެ. ފިޔޯރީ ކައުންސިލުން 40000 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތަކީ ފިޔޯރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ގުރުއާނުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ފިޔޯރީ ކައުންސިލާއި، ފިޔޯރީ އެސޯސިއޭޝަން ފޯރ ޔޫތް އެމްޕަވަރމެންޓް ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

