ގއ.ކޮލަމާފުށީގައި މިސަރުކާރުން ތަރައްޤީ ކުރަމުންގެންދާ ބަނދަރުގެ ބޭރުތޮށި ޝީޓްޕައިލް ކުރުމަށް އެރަށު ރައްޔިތުންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ކޮލަމާފުށީ ބަނދަރުގެ ބޭރުތޮށި ޝީޓްފައިލްކުރުމަށް ރައްޔިތުން ހުށަހެޅި ޕެޓިޝަނުގައި ބުނާގޮތުން ކޮލަމާފުށި އޮތީ ހުވަދުއަތޮޅުގެ މޫނުުމަތީގައެވެ. އެހެންކަމުން ރައްޔިިތުން ބޭނުންވާ ފަދަ ޒަމާނީ ބަނދަރެއް އެރަށަށް ބޭނުންވެއެވެ. ޕެޓިޝަނުގައި ބުނާގޮތުން ކޮލަމާފުއްޓަށް ޒަމާނީ ބަދަރަކަށް އެދި ރާއްޖޭގެ ވެރިކަން ކުރެއްވި އެކި އެކި ރައީސުންނަށް ވަނީ ދަންނަވާފައެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ޖެހެންދެން އެކަން އޮތީ ނުވެފައެވެ. މިސަރުކާރުން ކޮލަމާފުށީގެ ބަނދަރުގެ މަސައްކަތް ފެށިގެން ދިޔުމާއެކު ރައްޔިތުން އެދިއެދި ތިބި ޒަމާނީ ބަނދަރެއްގެ އުންމީދު ކޮލަމާފުށީގައި ދިރިއުޅެމުންދާ އެންމެހާ ރައްޔިތުންނަށް ބޮޑުވެގެން ދިޔަ ކަމަށް މިޕެޓިޝަނުގައި ބުނެފައިވެއެވެ.
ކޮލަމާފުށީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނދަރުގެ ބޭރުތޮށި ބޮޑުހިލަ ޖެހުމުގެ ބަދަލުގައި ބަނދަރުގެ ބޭނުން އެންމެ އެކަށޭނަ ގޮތަށް ބޭރުތޮށި ޝީޓްޕައިލްކުރެވިގެން ދިޔުމެވެ. ނަމަވެސް ބަނދަރުގެ މަސައްކަތް ފެށިގެން ނިމެން ކައިރިވެފައިވާއިރު ބޭރުތޮށި ޝީޓް ޕައިލް ނުކުރެވި، ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ބަނދަރުގެ މަސައްކަތް ނިމިގެން ދިޔުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫންކަމަށް މިޕެޓިޝަނުގައި ބުނެފައިވެެއެވެ.
ކޮލަމާފުށީ ރައްޔިތުން އެދެމުންދަނީ ވީ އެންމެ އަވަހަކަށް ބަނދަރުގެ ބޭރުތޮށި ޝީޓްޕައިލް ކުރެވި ރަށުގައި ޒަމާނީ ބަނދަރެއް ޤާއިމުވެގެން ދިޔުމަށެވެ.
ކޮލަމާފުށި ބަނދަރު މަޝްރޫއުގެ ދަށުން އެރަށުގައި 548 މީޓަރުގެ ބޭރުތޮށިލައި، 550 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން ހަތަރު ނެރުބައްތި ބަހައްޓައި، 28 ބަނދަރު ބައްތި ހަރުކުރާނެއެވެ. މީގެ އިތުރުން 66،330 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކުރުމާއި 5،750 ކިޔުބިކް މީޓަރު ގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 404 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި 2،750 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ގާއިމް ކުރާނެއެވެ.

