ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މިއަދު ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.
މި ޕްރޮގްރާމަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުމާއި، ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ޕްރޮގްރާމްގައި އެޗްޑީސީން ވަނީ 100 ބައިވެރިންނަށް ފުރުސަތު ދީފައެވެ. އަދި އެޗްޑީސީގެ 30 މުވައްޒަފަކަށް އެ ދާއިރާތަކުގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މިއީ އެޗްޑީސީގެ 5ވަނަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ 10 ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސްތަކާ އެއްގޮތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންދް ގަބޫލުކުރާ ނޭޝަނަލް ލެވެލްގެ ސްޓްފިކެޓެއް ލިބޭނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

