ރަޝިޔާ-ޔޫކްރޭން އާ ދެމެދު ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ކޮށްފައިވާ އެތައް މަސައްކަތްތަކެއް އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އެބައޮތް ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތަޔާ މާލީ ބާޒާރުތަކަށް އެކަމުގެ ސަބަބުން އަސަރު ކުރަމުންދާ ކަމަށެވެ.
އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިގްތިސޯދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް އެ ކުރިމަތިލުންތަކުގެ ސަބަބުން ކާނާ އާއި ތެޔޮ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހި، އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިގްތިސޯދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އެގައުމުތަކުގެ ތެރޭގައި އެފްރިކާ ބައްރުގެ 41 ޤައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެއް ހިމެނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހަނގުރާމަ ކުރިއަށްދާއިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތް ކަމަށާއި، އޭގެ ތެރޭގައި ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އަދިވެސް އެ މައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ.ކަމަށެވެ

