ހެލްތު މިނިސްޓްރީ އާއި އެސްޓީއޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެސްޓީއޯއާ ގަންނަން ހަވާލުކުރި 96 އެމްބިއުލާންސް ރާއްޖެ ގެނެސް، ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
އެސްޓީއޯއިން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމަށް ސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްބިއުލެންސްތައް ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި އެ އެމްބިއުލާންސްތަކާއި ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެވެ.
ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
އެމްބިއުލާންސް ހަވާލު ކުރި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެސްޓީއޯއިން ވަރަށް މުހިއްމު ހިދުމަތްތަކެއް ދެމުންދާ ކަމަށާއި އެކަމަށްޓަކައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއަށާއި މުވައްޒަފުންނަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
ސިއްހީ ދާއިރާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދޭން ރައީސް ޞޯލިޙުގެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

