ސިންގަޕޫރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ނުކުޅެދޭ މީހަކު ހިފާ ހައްޔަރުކުރުމަށްފަހު އެމީހާ ދަންޖައްސާ މަރާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މަސްތުވާތަކެތީގެ މައްސަލައިގައި މަަރާލީ 34 އަހަރުގެ ނާގައެންތުރަން ދަރުމަލިންގަމް (ނާގަ) ނަމަކަށް ކިޔާ މެލޭޝިޔާގެ ރައްޔިތެކެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ މިއަދު ފަތިހު ސިންގަޕޫރުގެ ޗަންގީ ޖަލުގައެވެ.
ސިންގަޕޫރުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ ނާގަ، ފައިގެ ފަލަމަސްގަނޑުގައި ބަނދެގެން، 42.7 ގުރާމްގެ ހެރޮއިން އެތެރެ ކުރަން އުޅުނު ކަމަށެވެ.
މިމައްސަލައިގައި އާއިލާގެ ފަރާތުން ނާގަ ސަލާމަތްކުރުމަށް، ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅި މައްސަލަ ވަގުތުން ބޭރުކޮށްލީއެވެ. އެންމެ ފަހު ވަގުތު އިސްތިއުނާފަށް ހުށަހެޅީ ޝަރިއަތް ކާމިޔާބު ކުރެވޭނެ ކަމުގެ މާ ބޮޑު ހެއްކެއްވެސް ނެތީސް، ދައުވާ ކުރި ފަރާތަށް ފުރައްސާރަ ކުރުމުގެ ރޫހުގައި ކަމަށް ފަނޑިޔާރުން ވަނީ ސިފަ ކުރައްވާފައެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރަން އޮތް އޮތުން ހުއްޓުވުމަށް ނުވަތަ ފަސް ކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެން ވާ ގޮތެއް ނޫން ކަމަށް ހުސްވި މަހު ކޯޓުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި މަދު ބަޔަކާއެކީ ނާގަގެ އާއިލާއިން ވަނީ އިހުތިޖާޖްކޮށްފައެވެ. މެލޭޝިއާ ސަރުކާރުގެ އިތުރުން އދގެ ތަޖުރިބާކާރުންނާއި، ވިލާތުގެ އިއްތިހާދުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ރިޗާޑް ބްރޭންސަން ފަދަ ސެލެބްރިޓީއިން ވަނީ ނާގައިގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރިޔަ ނުދީ ވޭތޯ މަސައްކަތް ކޮށްފައެވެ.
އެހެންނަމަވެސް ސިންގަޕޫރަކީ ޑްރަގްގެ މައްސަލައިގައި ވަރަށް ހަރުކަށި ފިޔަވަޅު އަޅާ ޤައުމަކަށްވާތީ ނާގަ މިވަނީ ދައްޖާ މަރާލާފައެވެ.
ކަން މިހެން އޮތް ނަމަވެސް ސިންގަޕޫރުން މިހާރުވެސް ތައްޔާރު ވަމުން ދަނީ ޑްރަގްގެ މައްސަލައެއްގައި މެލޭޝިއާގެ އިތުރު މީހެއްގެ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރު ވަމުންނެވެ. އެމީހާ ދަންޖައްސަން ތާވަލު ކޮށްފައި ވަނީ ހުކުރު ދުވަހަށެވެ. އދއިން ބުނާ ގޮތުގައި ސިންގަޕޫރުގައި މަރުގެ ހުކުމް އިއްވާފައި ވާ 50 މީހަކު އެބަތިއްބެވެ.

