އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ގެއްލޭނެކަމަށް އިބްރާ ވިދާޅުވި މައްސަލަ ބަލަން ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފޮނުއްވި ސްކްރީން ޝޮޓެއްގައި މީހަކު ބޮންޑެއަށް ފޮނުވި މެސެޖެއް ވަނީ ހިއްސާކުރައްވާފައިވެއެވެ.
އެމެސެޖުގައިވާ ގޮތުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އާއި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމައިލް (އިބްރާ)ގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އިބްރާ ވިދާޅުވެފައިވަނީ އަންނަ މެއި މަހު 15 ގެ ފަހުން ރައީސް ނަޝީދު ގެއްލޭނެ ކަމަށެވެ. އަދި ގައުމު ދޫކޮށް ރައީސް ނަޝީދު “ފެއްސޭނެ” ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ގެ އެމައްސަލަ ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހަޅައިފައިވާއިރު އެމައްސަލަ ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މަޖިލީހުގެ އަމީން ޢާންމާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު މެންބަރު މުޙައްމަދު އަސްލަމް ޓެގުކުރައްވައި ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު ގެއްލޭނެކަމަށް ބުނެ އިބްރާ އިންޒާރުދިން މައްސަލައަކީ ވަރަށް ސީރިޔަސް މައްސަލައެއް ކަމަށާއި މިމައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ.
އިބްރާ މިވާހަކަ ދައްކާފައިވަނީ ސިޔާސީ ގޮތުން ނަޝީދުގެ ކުރިމަގު ދެން ގެއްލޭނެކަމަށް އިޝާރާތް ކޮށް ކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއެވެ. ގިނަ ބޭފުޅުން ބުނަމުންދާ ގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށްފަހު ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގަށް ވަރަށްބޮޑު ހުރަހެއް އެޅިގެންދާނެއެވެ.

