މީގެ ތިން އަހަރު ކުރިން އައްޑޫގައި މީހެއްގެ ބުރަކަށީގެ 11 ތަނަކަށް ވަޅި ޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވުނު އަޑުއެހުމުގައި މިމައްސަލައިގެ ދައުވާ ލިބޭ އިއުތިސާމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފި އެވެ.
އޭޕްރީލް 17، 2020 ގައި ސ. ގަމުގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ކައިރީގައި ސ. ހިތަދޫ އިތާމުތްގޭ މުހައްމަދު ފާރިހްގެ ބުރަކަށީގެ 11 ތަނަކަށް، ތިލައިގައި ގާތްގަނޑަކަށް ތިން އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ/ ހަވީރީނާޒް އިއުތިސާމް މުހައްމަދު އާއި ސ. ފޭދޫ/ ޝަބްނަމީވިލާ އަހްމަދު ލޫތުގެ އިތުރުން އެ ރަށު ރަންދޯދިގޭ އަހްމަދު ފަރީޝްއެވެ. މިތިން މީހުންގެ ތެރެއިން އިއުތިސާމް ވަނީ މިދައުވާ އަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ ފަރާތުން ޝަފައީ 22 ހެއްކެއް ހުށަހަޅާފައިވާއިރު އޭނަގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން މިވަނީ ނިންމާފައެވެ.
މިހާދިސާ ހިނގާދިޔަގޮތް ލޫތު އަދި ފަރީޝް ވަނީ ވަރަށް ތަފްސީލުކޮށް ފުލުހުންނަށް ކިޔައިދީފައެވެ. ނަމަވެސް މި މައްސަލައިގައި އަނިޔާ ލިބުނު ފާރިހް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވަނީ ދައުވާ ލިބޭ އިއުތިސާމަކީ ކާކުކަން ނޭނގޭ ކަމަށާއި މާރާމާރީތަކާއި ގުޅިގެން މީގެ ކުރިން ވެސް އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ދުވަސްތަކެއް ހަނދާން ނުވާ ކަމަށެވެ. އަދި އޭޕްރީލް 17، 2019 ވަނަ ދުވަހު ހިނގި ހާދިސާއަކާއި ގުޅިގެން އަނިޔާ ލިބުނުކަން ހަނދާން ނުވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ކުރިން ބަޔާނެއް ދެވިފައިވާކަން ވެސް ހަނދާނެއް ނެތް ކަމަށެވެ. އަދި ފާރިހާ އެކު ސީންގައި ތިބި ދެ މީހުންނަށް ވެސް މިހާރު މައްސަލައިގެ ހާދިސާ ހަނދާން ނެތް ކަމަށާއި އިއުތިސާމަކީ ކާކުކަން ނޭނގޭ ކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ.
މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަކް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނާގޮތުން މި މައްސަލައިގައި ހުށަހެޅުނު ހެކި ގަރީނާތަކަށް ބަލާއިރު ފާރިހުއަށް މާރާމާރީއެއްގައި އަނިޔާވިކަން ސާބިތުވެއެވެ. އެހެންނަމަވެސް ފާރިހް އާއި މާރާމާރީ ހިންގައި އިއުތިސާމް، ފާރިހްގެ ބުރަކަށީގެ 11 ތަނަކަށް ވަޅިން ހަމަލާދިންކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުން ޔަގީނާ ގާތްކުރާ މިންވަރަށް މައްސަލަ ސާބިތުވާކަމަށް އިގުތިނާއު ނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
މީގެއިތުރުން ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނާގޮތުން ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ބޭނުން ކުރެވޭނެ އެންމެ މުހިންމު ދަލީލަކީ ހެކިންގެ ހެކިބަހެވެ. ޝަރުއީ އަދި ގާނޫނީ ގޮތުން ސައްހަ ހެކިބަހަކަށް ވެގެން މެނުވީ އެ ހެކިބަހަކީ ގާނޫނީ ގޮތުން ސައްހަ ދަލީލެއްކަމުގައި ނުބެލެވޭނެއެވެ.
މި މައްސަލައިގައި ލޫތުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ކުރިއަށްދާއިރު، ފަރީޝްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމައިފައެވެ.

