އެންޓި-ކޮރަޕްޝަން ކޮމިޝަނުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް އަނބުރާ ހޯދުމަށް، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ.
އޭސީސީގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ވޭދުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ތަހްގީގުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ 1،570،814.44 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ކަމާއި ގުޅުން ހުރި އިދާރާތަކަށް އަންގައިފައިވާނެ ކަމަށާއި އެ ކޮމިޝަނަށް މިދިޔަ އަހަރު ޖުމްލަ 782 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 588 މައްސަލަ މިހާރު ވަނީ ތަހުޤީގުކޮށް ނިމިފައެވެ.
އޭސީސީގެ މެމްބަރުން ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު ނިންމާފައިވާ މައްސަލަތަކުގައި އޭސީސީން ވަނީ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ގުޅޭ އެކި އިދާރާތަކަށް ވަނީ އަންގާފައެވެ.
ކުރީގައި ހުށަހަޅާފައިވާ މައްސަލަތަކާއި މިދިޔައަހަރު ހުށަހެޅުނު މައްސަލަތަކާއެކު މުޅި ޖުމްލަ 806 މައްސަލައެއް އެކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށް އޭސީން ވަނީ ހާމަކޮށްފައެވެ. އަދި އޭސީސީން އަމިއްލަ އިސްނެގުމަށް 24 މައްސަލައެއް ބަލަން ވަނީ ނިންމާފައެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިދާރާތަކުގައި ހުންނަ މައްސަލަތައް އިސްލާހުކުރަން އެކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު 341 އެންގުމެއް އެކޮމިޝަނުން ވަނީ އަންގާފައެވެ.
އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދަން އިސްކަމެއް ދޭނެ ކަމަށާއި އެ މަސައްކަތް ކުރުމަށް އޮނިގަނޑެއް އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ.

