ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލަކު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަނުން، ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 20 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މީހާގެ ބަންދަށް ކޯޓުން މިއަދުވަނީ މުއްދަތު ޖަހާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށްވާތީ ތަހުގީގަށް ބޭނުންވާ ހެއްކާއި، ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ސައުތު ސެންޓްރަލް ރީޖަންގައި ހިމެނެނީ މީމު އަތޮޅާއި ފާފު އަތޮޅާއި ދާލު އަތޮޅާއި ތާ އަތޮޅުގެ އިތުރުން ލާމު އަތޮޅެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކަކީ ޖިނާއީ ބޮޑުކުށެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) އިން ކަނޑައަޅާފައިވެ އެވެ. މިފަދަ ކުށްތަކުގެ ސަބަބުން މުޖުތަމުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އެމީހުންގެ ނުރައްކާ މުޖުތަމައަށް ނުފޯރާގޮތަށް ބަންދުކޮށްފައި ބައިތިއްބަންޖެހޭ ބައެކެވެ.

