މާލޭގެ ގެޔަކަށް ވަގަށް ވަދެ ގޭސް ފުޅިއެއް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލާގައި ބުނާ ގޮތުން އެމީހާ ވަނީ މިއަހަރު ފެބްރުއަރީމަހު 8 ވަނަ ދުވަހު މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ އެ ގޭގެ ފުރަތަމަ ފަންގިފިލާއަށް ވަދެ އެ ތަނުގެ ބަދިގެއިން ގޭސްފުޅިއެއް ވަގަށް ނަގާފައެވެ.
މި މައްސަލާގައި ތުހުމަތުވާ ފަރާތަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާގެ އިތުރަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ. މިދެދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. ދައުވާ ލިބޭ ފަރާތުން ބުނިގޮތުގައި މިކަންކޮށްފައިވަނީ މަސްތުވާ ތަކެތި ހޯދުމަށް ފައިސާ ބޭނުންވެގެންނެވެ.
ޝަރީއަތުގެ މަޖިލީހުގައި އޭނާ ކިޔައިދިން ގޮތުގައި އެ ގެއަށް ދެ ފަހަރެއް މަތިން އޭނާ ވަނެވެ.. ފުރަތަމަ ވަދެފައި މީހަކު އުޅޭތޯ ބެލުމަށް ފަހު ބޭރަށް ނުކުތީ ކަމަށާއި އެއަށް ފަހު ދެވަނަ ފަހަރަށް ވަދެ ގޭސް ފުޅި ހިފައިގެން ނުކުތީކަމަށް ވަނީ ބުނެފައެވެ. އެކަމަކު އޭޑީކޭ ހޮސްޕިޓަލާ ހަމައަށް ދެވުނުތަނާ އެ ގޭ މީހަކު އައިސް ނިތްކުރިމަތީގައި ދެ ފަހަރަކަށް ޖެހުމުން، ގޭސްފުޅި މަގުމަތީގައި ބަހައްޓާފައި ދުވެފައި ދިޔައީ ކަމަށް ބުންޏެވެ.
މި މައްސަލަ އަވަސް ނިޔާގެ ދަށުން ކުރިއަށް ގެންދަން ނިންމައި، ވައްކަން ކުރުމުގެ ދައުވާއަށް 27 ދުވަހުގެ ޖަލު ހުކުމެއް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ތިން މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

