ފިތުރު އީދާއި ދިމކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަސް ދުވަހަށް ބަންދު ކުރަން ނިންމައިފިއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި މެއި 1 ވަނަ ދުވަހުން ފެށިގެން އެމަހު 7 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް ބަންދުވާނެއެވެ. އެހެންނަމަވެސް އެމްއެމްއޭއިން ނިންމާފައިވާ ގޮތަށް މޭ މަހުގެ 4 ވަނަ ދުވަހުގެ ބަދަލުގައި މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12 އަށް ބީއެމްއެލްއިންވެސް ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
ބެންކު ބަންދުވިކަމުގައިވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ވަނީ އަންގާފައެވެ.
ބީއެމްއެލްއިން ބުނީ މި މަހު 30 ވަނަ ދުވަހުގެ ހެނދުނު 11 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި ޕޭރޯލް ރިކުއެސްޓް އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އެހެންނަމަވެސް އެ ދުވަހު 11 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހުން ކަމަށެވެ.
ކަސްޓަަމަރުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތައްތަކަށް އެދި ހުށައެޅުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

