މި ދުވަސްވަރު މާލެ އާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާތީ، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ކުރިއަށް އޮތީ ޗުއްޓީ ބަންދު ދުވަސްތަކަކަށްވާތީ، ރާއްޖޭގެ އެކި ހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ސަމާލުކަންދޭންވީ ބައެއް ކަންކަން
- މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުންކުރުން
- އިރުއޮއްސޭ ވަގުތާއި ހަވީރު ވަގުތުގައި ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕާފައި ބެހެއްޓުން
- ޑެންގީ ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން
އެޗްޕީއޭއިން ބުނީ، ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ޖެހުމުން އިތުރު ނުރައްކާތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އަދި މާބަނޑުއިރު ޑެންގީ ޖެހުމުން ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ކުރާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭން ވަނީ ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

