ޤައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު، އެ މަގާމުން ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފިއެވެ.
މިދިޔަ އަހަރު ޖުލައިމަހު 1 ވަނަ ދުވަހު ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވަކިކޮށްފައި ވަނީ، އެމަނިކުފާނަކީ އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރުދޭ މީހެއްކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” (އެފްޖީއެމް)އަށް ހިތްވަރު ދިން ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ.
އެހެންކަމުން ޑރ.އިޔާޒްވަނީ މިކަމާއި ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ބަޔާނެއް ވެސް ނެރެފައެވެ. އެބަޔާނުގައި އެމަނިކުފާނު ވިދާޅުވީ އަންހެންކުދިން ޚިތާނު ކުރަން ހިތްވަރު ދޭފަދަ ގޮތަކަށް އެއްވެސް އިރަކު ވާހަކަ ނުދައްކަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރައްވަނީ ދޮގު ތުހުމަތްތަކެއް ކަމަށެވެ. އަދި މިމައްސަލަ ޑރ. އިޔާޒްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅޭގޮތުން ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެމަނިކުފާނު ވަޒީފާއަށް ނިކުތުން މަނާކޮށް އަދި އިންޒާރުދީފައިވަނީ ނުރަގަޅުކޮށް ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށެވެ.
ކުރިޔަށް އޮތްތަނުގައިވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޑރ. އިޔާޒް ވަނީ ޤައުމީ ޔުނިވާސިޓީގެ ވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

