އަންނަ ފިތުރު އީދު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަނބިކަބަލުން ފަޒްނާ އަހުމަދު ކ.މާފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މާފުށީ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރު ފިތުރު އީދު މާފުށީގައި ވަރަށް ކުލަގަދަކޮށް ފާހަނގަކުރަން ނިންމާފައިވާ ކަމަށާއި އީދުގައި ކުރިއަށްގެންދާ ކުލަގަދަ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުންނަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.
ސަލާހު ވިދާޅުވި ގޮތުގައި މިދައުވަތް ޤަބޫލުކޮށް އީދު ދުވަހު މެންދުރު ރައީސްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އީދު ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދާނީ ފެސްޓިވަލް ސްޓައިލުގައި ކަމަށާއި ހަރަކާތްތައް ފެށިގެންދާނީ ބޮޑު ޖަމާއަތެއްގައި ކުރެވޭ އީދު ނަމާދުން ކަމަށް ސަލާހު ވަނީ މައުލޫމާތު ދީފައެވެ.
އީދުގެ ހަރަކާތާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ސަލާހު ވިދާޅުވީ މުޅި ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ކުރިޔަށް ގެންދާނެ ކަމަށާއި ދުވަހުގެ މުނާސަބަތުގައި ހާއްސަ ސަގާފީ ހެނދުނުގެ ސައި ފޮދަކާއި މެންދުރުގެ ފަރިއްކޮޅެއްވެސް ވަނީ ރާވައިފައިވާ ކަމަށެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރާއި، އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އީދާއި ދިމާކޮށް މާލެއިން އެރަށަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް އެދުވަހަށް ހާއްސަކޮށްގެން އިތުރު ދަތުރުތަކެއް ރާވާފައިވާ ކަމަށާއި، އީދު ދުވަހު މާފުއްޓަށް ދަތުރުކުރާ މީހުން އެރޭ ޝޯ ނިމުމުން މާލެ ދެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އީދު ޝޯ ނިންމާލުމަށް ފަހު އެރޭ ހަވާއަރުވަން ވެސް އެރަށު ކައުންސިލުން ވަނީ ނިންމައިފައެވެ.
މާފުށީގައި މިފަހަރު ފިތުރު އީދު ކުލަގަދަކޮށް ފާހަނގަކުރަން ނިންމާފައިވާއިރު މިހަރަކާތްތައް ބަލާލުމަށް އަދި ހަރަކާތްތަކުގައި ބައިވެރިވުމަށް މާފުށީ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.

