މިއަން ބަރަކާތްތެރި ފިޠުރު އީދު ދުވަހުގެ 4 ގަޑިއިރަށް މުޅިމާލޭގައި އެއްވެސް ވެހިކަލެއް ނުދުއްވުމަށް ނިންމި ނިންމުން ނިންމާފއިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 50 ވަނަ އާންމު ރަސްމީ ޖަލްސާގައެވެ.
މިވަގުތަކީ މުޅިމާލޭ ރައްޔިތުން ފައިމަގުގައި އުޅޭ ގަޑިއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާއެވެ. ޔުމްނާ ހުށަހެޅުއްވީ އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހެދުމަށެވެ.
ފައިމަގުގައި ހިގައި އުޅޭނެ ގަޑިއެއް ކަނޑައަޅާއިރު، ފައިމަގުގައި އުޅޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމުގެ ވާހަކަތަކެއް ކައުންސިލްގެ ޖަލްސާގައި ދެކެވުމުގެ އިތުރުން، ކުރީ އަހަރުތަކުގައި ފައިމަގުގައި އުޅެން ކަނޑައެޅުމުން މާލެ ރައްޔިތުންނަށް ކުރިމަތިވެފައިވީ ތަފާތު އުދނގޫތަކުގެ ވާހަކަތަށްވެސް މި ޖަލްސާގައި ބަހުސްކުރެވުނެވެ.
ކައުންސިލް ޖަލްސާގައި މެމްބަރުންގެ ޚިޔާލު ފާޅުކުރުންތަކަށްފަހު ކައުންސިލުން ނިންމާފައިވަނީ، އީދު ދުވަހު 16:00 އިން 20:00 އަށް ހުޅުމާލެ ނުހިމެނޭގޮތަށް، ހަމައެކަނި މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމަށެވެ.

