އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ޕާޓީން ވަކިނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅުކަމަށް ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭންގެ ތަސައްވަރު ކިލަނބުވާ ގޮތަށް، އިންތިހާބަށް ނުފޫޒު ފޯރުވައި ވަކި ފަރާތަކަށް ކަންކަން ފަހިވާ ގޮތަށް އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުމާއި ގުޅޭގޮތުންނެވެ. ކޮމިޓީގެ ޝަކުވާތައް ނިންމައި ޖަވާބުދިނީ ހުށަހެޅިތާ ގާތްގަނޑަކަށް ތިން ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
މިކަމާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އޮފީސް ކުރިމަތީގައި ކެމްޕެއިން ހަރަކާތްތައް ހިންގެވިއިރު އެކަން ކޮމެޓީތަކަށް ނުފެނުނަމަކީ ނުފޫޒާއި ބާރުގެ ވާހަކަ ދައްކަން ލަދުގަނަންނެޖެހޭ ކަމެއްކަމަށާއި ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ފައްޔާޒާއި މެދު ކަންތައް ކުރަމުންދާ ގޮތުން ޕާޓީގެ އިންތިޚާބުގެ ކުރިން ފައްޔާޒު ޕާޓީން ވަކިނުކުރިއްޔާ ރަނގަޅު ކަމަށެވެ.
ރޮޒޭނާ މިހެން ވިދާޅުވީ އައްޑޫގައި ހުރި ރައީސް ނަޝީދުގެ ރަސްމީ އޮފީސް އިންތިގެ ކެމްޕެއިން ޖަގަހައަކަށް ހެދުމާއި ގުޅިގެންނެވެ. ރައީސް ނަޝީދުގެ އޮފީސް ކުރިމަތީގައި އިންތިގެ ކެމްޕެއިން ޖަލްސާއެއް ބޭއްވުމުން ރައީސް ނަޝީދު ހުންނެވި ގޮތް މިހާރު ސާފުވެގެންދާނެ ކަމަށް އިންތިއަށް ތާއީދުކުރާ މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ފައްޔާޒުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ގުނަންތަކުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަން އެ ނިންމުންތަކުން އެނގޭ ކަމަށާއި އެ ނިންމުންތައް ހުރީ ޕާޓީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލުކުރާ އުސޫލްތަކާ ހިލާފަށް ކަމަށެވެ.
ބަޔާނުގައި ފާހަނގަކޮށްފައިވާ ގޮތުން މިމައްސަލަ ބަލާފައިވަނީ ގަވާއިދާ ހިލާފަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ. އެމްޑީޕީއަކީ އަމަލުކުރަން ޖެހޭ ގަވާއިދުތައް ވަރަށް ސާފުކޮށް ލިޔެ އާއްމުކޮށްފައިވާ ޕާޓީއަކަށް ވާ އިރު ޝަކުވާ ބަލާ ކޮމިޓީން އުސޫލްތަކާ ހިލާފުވެފައިވާ ކަމަށާއި އެ ނިންމުންތަކުގެ ސަބަބުން ކެންޑިޑޭޓުގެ ހައްގުތަކެއް ގެއްލި ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ކަމަށް ފައްޔާޒުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ. އަދި މިނިންމުންތައް އެޓީމުންވަނީ ކުުށްވެރިކޮށްފައެވެ.
އެހެންކަމުން އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

