ރަމަޟާން މަސް މުސްލިމުންނާ އަލްވަދާއު ކިޔަމުން ދިޔަނަމަވެސް، ހެޔޮ ކަންތައް ކުރުންމަތީ ދެމިހުރުން މުހިންމު ކަމަށާއި، އަދި ހެޔޮކަންތަކުގައި ދެމިތިބުމަށް އެދޭ ބަޔަކަށް އެފުރުޞަތު އިސްލާމް ދީނުގައި ލައްވާފައިވާކަމުގައި މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި އިސްލާމްދީނުގައި ހެޔޮކަމުގެ ފުރުސަތުތައް ވަރަށް ގިނަ ކަމުގައި ހުކުރު ޚުތުބާގައި ބުނެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫއަކަށް، “ހެޔޮކަމުގައި ދެމި ތިބުމުގެ މުހިންމުކަން” ވެފައިވާއިރު، އަހަރެމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަހު ހެޔޮ ކަންތައްތަކުގައި ޝާމިލުވެ އުޅުމަށްފަހު، ރަމަޟާން މަސް ނިމުމުން އެކަންކަމަށް ފަރުވާ ކުޑަކުރާމަކީ އެކަމާމެދު ވިސްނަންޖެހިފައިވާ ކަމެއްގެ ގޮތުގައި ޚުޓޔބާގައި ފހަގަކޮށްފައި ވެއެވެ. މިއީ މީހަކު އެތައް ޚަރަދަކާއި، އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށްފަހު އެ ބިނާ އަމިއްލަ އަތުން ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެެވެ. އަދި ފާފަތަކަށް އެނބުރި ދިއުމަށް ގަސްތުކުރާ ހާލު ކުރާ ހެޔޮ އަމަލުން ކުރާނީ ކޮން ފައިދާއެއްތޯވެސް ސުވާލުކޮށްފައިވެއެވެ.
ﷲ އަށް އަޅުން އިޚްލާސްކުރުމަށްފަހު، ހެޔޮ އަމަލުތައް ކުރުމަށްފަހު، އެއަމަލުތައް މާތްﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކުގެ ތެރޭގައި ފާފަތަކަށް އަރައިނުގަނެ ހެޔޮ އަމަލުކުރުންމަތީ ދެމިހުރުން ހިމެނޭކަމަށް އިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހު ރޯދަ ހިފައި، ރޭއަޅުކަން ކޮށް، ހެޔޮ އަމަލުތައްކޮށް އުޅުނު މީހާ އެކަންތައްތަކާއިމެދު ބޮޑާވެ ނުގަތުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ރަމަޟާން މަސް މުސްލިމުންނާ އަލްވަދާއު ކީނަމަވެސް ހެޔޮ ކަންތައް ކުރުންމަތީ ދެމިހުންނަން އެދޭ ބަޔަކަށްޓަކައި އިސްލާމް ދީނުގައި ލައްވާފައިވާ ހެޔޮކަމުގެ ފުރުސަތުތައް ވަރަށް ގިނަ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ފުރުސަތަކީ ޝައްވާލް މަހުގެ ހަ ރޯދަ ކަމަށް ހުޠުބާގައި ބުނެފައިވެއެވެ.
ޝައްވާލް މަހުގެ ހަ ރޯދައަކީ ސުންނަތްކަން ގަދަވެގެންދާ ހަ ރޯދައެވެ. މި ރޯދަ ހިފަން އޮތް އެންމެ މޮޅު އިތުރު ގޮތަކީ ޝައްވާލް މަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުނުކެނޑި، ހަ ދުވަހު ރޯދަ ހިފުމެވެ. ޝައްވާލް މަހުގެ ހަ ރޯދައިގެ އިތުރުން މެދުފޮއި ރޯދައާއި، އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީވެސް ގިނަ ގުނަ ސަވާބުހުރި ކަމެކެވެ.
ހުކުރު ޚުތުބާ
ރަމަޟާން މަސް އަލްވަދާއު ކިޔުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށާއި، ފިތުރު ޒަކާތަކީ ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދައަށް ތިބިއިރު އަޅުތަކުންނަށް ކުރެވިފައިވާ ކުށްފާފަތަކުގެ ކައްފާރާއެއް ކަމުގައި ޚުޠުބާގައި ބުނެވުނެވެ. ފިޠުރު ޒަކާތަކީ ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ ބޭނުންތައް ފުއްދައިދީ އީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުމަށްޓަކައި ޝަރްޢު ކުރައްވާފައިވާ ކަމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ލައިލަތުލްޤަދްރީގެ މާތްކަމާއި މަތިވެރި ދަރުމައަށް އެދިގެން އަޅުކަމުގައި ހީވާގިވުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވުމާއިއެކު، މިރެއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު އޮނަހިރި ވިލޭރޭކަމުގައިވެސް ޚުތުބާގައި ހަނދާން އާކޮށްދީފައެވެ.