ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާ ހަމައަށް މިވަނީ ފުރުސަތު ހުޅުވާލާފައެވެ.
ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
ހަމައެއާއެކު ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާއިރު ސާނަވީ ތަޢުލީމުގެ ޖީ.ސީ.އީ އޯ ލެވެލް އިމްތިޚާނު އަދި އެސް.އެސް.ސީ އިމްތިޙާނު ހިމެނޭހެން 03 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ އެސް.އެސް.ސީ އިމްތިޙާނު ހިމެނޭހެން 02 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތަކަށް ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.
ހަމައެއާއެކު މި ޝަރުތު ހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 1 އިންޗި ހަމަވުމާއި އަންހެން ނަމަ 4 ފޫޓް 8 އިންޗި އިސްކޮޅުގައި ހަމަވާންޖެހެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކުރާ ރެކްރޫޓް ކުރެވޭ ފުލުހުންގެ އާންމު ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.
ފުލުހުން ހާމަކުރިގޮތުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންކަމުގެ ތެރޭގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކާއި މީހުން ހޮވުމުގައި ކުރިއަށް ގެންދެވޭ އެސެސްަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ގާނޫނީ ގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނާއި ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި ފުލުހުންގެ މުއައްސަސާގެ ހިދުމަތް އަލަށް ގާއިމްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެސެސްމަންޓް ނުވަތަ ޓެސްޓުތަކުން ފާސްވާންޖެހެއެވެ.
ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތާއެކު 2022 މެއި 22 ދުވަހު 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

