2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށާއި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ނިންމާނީ އާއްމު މެންބަރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އިންޑިޔާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީ އަކުން ކަމަށެވެ. އަދި އެފަދަ ވަގުތުތަކުގައި ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ވެސް އުފެދިގެން އަންނާނެ ކަމަށެވެ. އެހެންނަމަވެސް ޕްރައިމަރީއެއް ނުބާއްވާ އެޕާޓީން އެއްވެސް މީހަކަށް ޓިކެޓު ނުދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ
މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ “އާސްކް ސްޕީކާ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމަށާއި ޕާޓީ އަށް ފައިދާވާނެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި ޕްރައިމަރީ ކާމިޔާބުވާނެ ކަމުގެ އުއްމީދު އެބައޮތްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީ އިން އެމަނިކުފާނު ބަލިވެއްޖެ ނަމަ އެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއިދު ނުކުރާނެ ދުވަހެއް ނާންނާނެ ކަމަށެވެ.

