ރާއްޖޭގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ "ޕްރޯ" ގެ އެހީއާއިއެކު ގއ ކޮލަމާފުށީ ގައި ފޯރިގަދަކޮށް ޢީދު ފާހަގަކުރުމަށް އެ ރަށުން ތައްޔާރު ވެއްޖެއެވެ.
ކޮލަމާފުށީގެ ޒުވާނުން އަމިއްލައަށް އިސްނަގައިގެން މިފަހަރުގެ ކުޑަ ޢީދު ފާހަގަ ކުރުމަށް ރޭވިފައިވާ ކަންތައްތަކާ ބެހޭގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން އެ ޙަރަކާތްތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރުވާ މުޙައްމަދު (ނަލަ މޯޑް) ބުނީ މިފަހަރު ކޮލަމާފުށީ ވަރަށް ކުލަގަދަކޮށް ޢީދު ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށާއި މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ފަހު މިފަދަ އިޖްތިމާޢީ ކަމެއް ކުލަގަދަކޮށް ފާހަގަ ކުރުމަށް ލިބޭ ފުރަތަމަ ފުރުސަތުކަމަށެވެ.
އެހެންކަމުން ރަށުގެ ޒުވާނުންގެ ވަރަށް ބޮޑަށް އެއްބާރުލުން ދިނުމަށް އެއްބަސްވެ ޢަމަލީގޮތުން މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ޕްރޯ ކުންފުނިން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުމަކީ މި ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށްވެސް މޯޑް ބުންޏެވެ.
މޯޑް ފާހަނގަކުރި ގޮތުގައި އެރަށުގައި އީދު ފާހަނގަކުރުމުގެ މަސައްކަތުގައި ޒުވާނުންނާއި އެއްސަފެއްގައި ކޮލަމާފުށީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ.
ކޮލަމާފުށީގައި މިފަހަރުގެ ޢީދު ފާހަގަ ކުރުމަށް އެންމެ ބޮޑު ޙަރަކާތްތަކަށް ބާއްވަން ހަމަޖެހިފައިވަނީ މޭ 4 ވަނަ ދުވަހުގެ ރޭ އޮންނަ ސްޓޭޖް ޝޯވ އެކެވެ. ރަށުގެ ދަނޑުގައި ބާއްވާ މި ޝޯވ އަށް އެރަށުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެގޮތުން ޒުވާނުން ގުޅިގެން ސްޓޭޖް ތައްޔާރު ކުރުމާއި ސުޓޭޖް ޙަރަކާތްތައް ތައްޔާރު ކުރުން ފާހަގަ ކުރެވެއެވެ. އީދު ކުލަގަދަކޮށް ފާހަނގަކުރުމަށް މާލެއިން އަންނަ ފަންނާނުންނަށް ދެކޮޅު ޓިކެޓް ޕްރޯއިން ދޭން ނިންމާފައިވާއިރު އީދު ފާހަނގަ ކުރުމަށް ހިނގާ ހުރިހާ އެހެނިހެން ޚަރަދެއް ކުރަނީ ކޮލަމާފުށީ ޒުވާނުން އިސްނަގައިގެން ކަމަށް މޯޑް ވަނީ މައުލޫމާތު ދީފައެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ކޮލަމާފުށީގައި އޮންނަ ޝޯވ ގައި ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ފިލްމީ ތަރިންނާއި ނެށުންތެރިންގެ އިތުރުން ކޮލަމާފުށީ ބޮޑުބެރު ގުރޫޕަކުން ބައިވެރިވާނެއެވެ.
ކޮލަމާފުށީގެ އީދު ޝޯވގައި ބައިވެރިވާ މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޖާދުއްﷲ އިސްމާއިލް، ޢާއިޝަތު އަމްނާ (ނާ)، މުޙައްމަދު ވިޝާލް (ރޯމަން)، އާމިނަތު ސަމުއާ (ޝާމް)، އަންޝާމް މުހައްމަދު (އަންޝު)، އަލީ އާޒިމް ( ދޮން އައްޔަ)، ފާތުމަތު ޝަރާ އާދަމް (ޝަރާ)، މަރިޔަމް މިޝްޔާ އާސިފް (މިޝީ)ގެ އިތުރުން ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެއެވެ.
މީގެ އިތުރުން ކޮލަމާފުށީގެ ގިނަ ފަންނާނުން މި ޝޯވ ގައި ބައިވެރިވެއެވެ.
ކޮލަމާފުށީގައި އީދު ފާހަގަ ކުރުން ފެށިގެންދާނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކައުންސިލްގެ ފަރާތުން ޢީދު ނަމާދަށް ފަހު ރައްޔިތުންނަށް ދެވޭ ހެނދުނުގެ ނާސްތާއިންނެވެ. އޭގެ ފަހުގައި ރަށު ތެރޭގައި އީދު ކުޅިވަރުތައް ކުޅުން ކުރިޔަށް ދާނެއެވެ.
ކޮލަމާފުށީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި މިފަހަރުގެ ޢީދު ތަފާތު ކުޅިވަރުތަކާއެކު ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެއެވެ.

