މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ތިނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގދ. ތިނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ފަޅުގައި އޮތް ލޯންޗެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް މި މަހު 29 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން 26 އަހަރުގެ މީހަކާއި 40 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ތިނަދޫއިން ހައްޔަރުކޮށްފައެވެ.
ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ލޯންޗަށް ފުލުހުން އަރައި، އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ގދ.ތިނަދޫގެ އިތުރުން ނ. ހޮޅުދޫގައި ހިންގި އޮޕަރޭޝަނުގައިވެސް ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހޮޅުދޫގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 31 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި މަހު 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ހޮޅުދޫ ބަނދަރުމަތިން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ 10 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 14 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެެވެ.

