ސްޕައިސްޖެޓް ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި 13 މީހުންނަށް އަނިޔާވެއްޖެއެވެ.
މީޑީޔާ ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގެ މުމްބާއީއިން ފުރައިގެން ދުރްގާޕޫރަަށް ދަތުރުކުރަމުންދިޔަ ސްޕައިސްޖެޓްގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވަރަށް ބޮޑަށް ތެޅުވުމުގެ ސަބަބުން، 13 ފަސިންޖަރަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އެއާއިއެކު ސްޕައިސްޖެޓްގެ ފްލައިޓް އެސްޖީ-945 ގެ ގޮތުގައި އޮޕަރޭޓް ކުރަމުން އަންނަ ބޮއިންގް ބީ737 މަރުކާގެ މަތިންދާ ބޯޓު ދުރްގާޕޫރުއަށް ޖެއްސުމާއެކު ވަގުތުން އެ ބޯޓުގައި ތިބި މީހުންނަށް ވަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކެބިންގައި ބަހައްޓާފައި ހުރި ދަބަސްތައް ވެއްޓި ފަސިންޖަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ގިނަ ދަބަސްތައް ވެއްޓިފައިވަނީ ފަސިންޖަރުންގެ ބޮލަށް ކަމުން ފަސިންޖަރުންގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައެެެވެ.
މި ފްލައިޓް ވަނީ ދުރްގާޕޫރު އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސާފައެވެ. އަދި އަނިޔާ ލިބުނު ފަސިންޖަރުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާކަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީޑިއާތަކާއި ވާހަކަ ދައްކަމުން ޒަޚަމްވި ފަސިންޖަރެއް ކަމަށްވާ އަކްބަރު އަންސާރީ ބުނީ، ބޯޓު ޓާބިއުލާންސްވީ މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސްޕައިސް ޖެޓް އިން މިހާރު ވަނީ ބަޔާނެއް ނެރެފައެވެ. އެ މައްސަލަ އޭވިއޭޝަން ރެގިއުލޭޓަރު ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ ތަހުގީގު ކުރަން ވަނީ ފަށާފައެވެ.

