މިމަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމުގެ އިންތިހާބުގަައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިނު ޓީމުން ހުވަދު އަތޮޅުގައި ހަރަކާތްތެރިވާން ފަށައިފި އެވެ. މި އީ އިންތިގެ ކެމްޕެއިން ޓީމުން ހުވަދު އަތޮޅުގައި ކެމްޕެއިން ކުރުމަށް ވަޑައިގަތް ދެވަނަ ފަހަރެއެވެ.
އިންތި ކެމްޕެއިނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުވަދު އަތޮޅުގައި އެ ޓީމުން މިހާރު ކުރާ މަސައްކަތަކީ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް އެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ދޮރުން ދޮރުށް ހިނގުން ކަމަށެވެ.
“އަޅުގަނޑުމެންގެ ހުވަދު އަތޮޅަށް މި ކުރާ ދަތުރުގެ ބޭނުމަކީ، އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް ކުރުން. އަދި އަޅުގަނޑުމެންގެ ޓީމުން މި ދަތުރުގައި ދޮރުން ދޮރަށް ހިނގާ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއެހުން.” – ވައްޑެ
މީގެ އިތުރުން ވައްޑެ ވިދާޅުވީ، މި ދަތުރުގައި އިމްތިޔާޒް ފަހުމީ ބައިވެރި ނުވާ ކަމަށާއި، އެހެން ނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ހުވަދު އަތޮޅުގައި ކެމްޕެއިން ޓީމާއި އެކު ހަރަކާތްތެރިވަމުން ދާކަމަށެވެ. މީގެ އިތުރުން ވައްޑެ ވިދާޅުވީ އިންތިގެ ކެމްޕޭން ޓީމަށް ހުވަދު އަތޮޅުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިންތިގެ ކެމްޕެއިންޓީމުން ހުވަދު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އިއްޔެ ގއ. އަަތޮޅު ވިލިނގިލީގައި ހަރަކާތްތެރިވި އިރު، މިއަދު ވަނީ ގދ ތިނަދޫ އަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތަށް ތިނަދޫގައި ކުރިއަށް ގެންދިޔުމަށް ފަށާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެޕާޓީގެ ތަރުޖަމާނުކަން ކުރިން ކުރެއްވި އިމްތިޔާޒްގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ގަމު ދާއިރާގެ ރައީސް ފައްޔާޒް އިސްމާއިލް އެވެ. ފައްޔާޒްގެ ކެމްޕޭން ޓީމުންވެސް ދާދި ފަހުން ވަނީ ހުވަދު އަތޮޅަށް ވަޑައިގެން ކެމްޕެއިން ކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގައި ހިންގުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ބަލަހައްޓާ ފަރާތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސްއާއި ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް އިންތިޒާމުކޮށް ހިންގުން އަދި ޕާޓީގެ އިދާރީ ކަންކަމުގެ އެންމެހާ މަސްއޫލިއްޔަތުތައްވެސް އުފުއްލަވާނީ ޗެއާޕާސަންއެވެ.

