ތ އަތޮޅު އޮމަދޫ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އަށް މަރުގެ އިންޒާރުދީފިކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޒަކީ ވިދާޅުވީ އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ބިޑް އުސޫލުން ސާފް ކުރުމަށް ހަވާލުކޮށްފައިވާ މުހައްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކު އޭނައަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.
މަރުގެ އިންޒާރު ދިން ސަބަބު ކިޔައިދެމުން ޒަކީ ވިދާޅުވީ އެރަށު ސިނާއީ ސަރަހައްދު ސާފްކުރުމަށް ކައުންސިލުން ހަވާލުކުރެވުނީ ދެފަރާތުން އެއްބަސްވި ގޮތަށް ކަމަށާއި އެއެއްބަސްވުމާއި މުހައްމަދު ޒާހިރު ވަނީ ޚިލާފުވެފައެވެ. އެހެންކަމުން އެއްބަސްވުމާ ހިލާފް ވެއްޖެ ނަމަ ފައިސާ އުނިކުރުމާއި، ފައިސާ ނުދީ ހިފެހެއްޓުމުގެ ބާރު ކައުންސިލަށް އޮތްކަން އޭނާއަށް ލިޔުމުން އެންގުމުން އެހިސާބުން މަސްލަހަތު ގޯސްވެފައިވާ ކަމަށް ޒަކީ ވަނީ ވިދާޅުވެފައެވެ.
ޒަކީ ވިދާޅުވީ އެ ލިއުން ފޮނުވި ހިސާބުން ފެށިގެން އެމީހާ އަންނަނީ “ކަރުބުރިކޮށްލާނެ”ކަމަށް ބުނެ އޭނާއަށް މަރުގެ އިންޒާރު ދެމުން ކަމަށެވެ.
މިއިންޒާރާއެކު ޒަކީ ވަނީ އިއްޔެ ހަވީރު ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައެވެ. އަދި މިއަދު މިމައްސަލަ ބެލުމަށް މިއަދު ހެދުނު ފުލުހުން އެރަށަށް ގޮސްފައިވާ ކަމަށް ޒަކީ ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.
މީހަކު މަރާލަން އިންޒާރު ދިނުމަކީ ޤާނޫނީ ކުށަކަށް ވާއިރު މުޅިރޭ ހޭދަކޮށްފައިވަނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ފުލުހުންގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ބަހެއް ލިބިފައިނުވާ ކަމަށް ޒަކީ ފާހަނގަކޮށްލިއެވެ.

