މާލޭގެ ތިން ގެޔަކާއި ސައިކަލެއް ބަލާ ފާސްކޮށް ގިނައަދެއްގެ ބަނގުރަލާއި ފައިސައާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.
މިތިންމީހުންނަކީވެސް ޤަވައިދާ ޚިލާފަށް މާލެއަށް ބަނގުރާ އެތެރކޮށް ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވަގުވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބަޔެކެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ފެނިފައިވެއެވެ. އަދި ބަލައިފާސްކުރި ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ފެނިފައިވެއެވެ.
އެގޮތުން ޖުމްލަ 79 ފުޅި ބަނގުރާ ފެނިފައިވާއިރު 245000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު (245000 ރުފިޔާ) އާއި 50 ޔޫރޯ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

