ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތްއަޅާ އިނގިލި ބުރިކޮށްލި ފިރިހެނަކު މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑުުމުން އެމީހާ ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ފުލުހުން މަައުލޫމާތު ދިން ގޮތުގައި ވިލިނގިލީ ގެޔަކަށް ގޮސް ފިރިހެނަކު ކުރި ޒުވާބެއްގެ ތެރެއިން ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެތަނުން އަންހެނެއްގެ އަތުގައި ދަތްއަޅާ އިނގިލި ބުރިކޮށްފައިވާ ކަމަށެވެ. މިމާރާމާރީގައި އަނިޔާ ލިބިފައިވަނީ އިނގިލި ބުރިވި 39 އަހަރުގެ އަންހެން މީހާ އާއި 74 އަހަރުގެ ފިރިހެނަކާއި އުމުރުން 60 އަދި 31 އަހަރުގެ އަންހެނަކަށެވެ. އެމީހުންގެ ތެރޭގައި އެފިރިހެންމީހާގެ ކުރީގެ އަނބިމީހާވެސް ހިމެނެއެވެ.
މިއީ އެދެމީހުންގެ ދަރިން އަތުލަންވެގެން ފިރިހެން މީހާ އެގެޔަށް ގޮސް ހިންގި މާރާމާރީއެކެވެ. ދަރިން ތިބީ އަންހެންމީހާގެ ބެލެނެވެރިކަމުގެ ދަށުގައެވެ.
ވިލިނގިލީގެ ބައެއް މީހުން ބުުނާގޮތުގައި އަލީ ހަސަން ނަމަކަށް ކިޔާ މިމީހާ މީގެ ދުވަސްތަކެއް ކުރިން އެރަށަށް ދިޔައީ އޭނާގެ ދަރިންނާ ބައްދަލު ކުރާށެވެ. އޭނާއާއި އާއިލާާއާ ދެމެދު މައްސަލަ ޖެހުނީ ފަތިސް ނަމާދަށް ދަރިން ގެންދަން ކަމަށް ބުނެ ދަންވަރު ތިނެއް ޖެހިއިރު އެގެއަށް ދަރިން ބަލައި ދިޔުމުންނެވެ.
އަލީ ހަސަން އުޅުނީ އޭނާގެ އެ ދެދަރިން ގޮވައިގެން އެރަށުން ފިލައިގެން ދާން ކަމަށް އާއިލާއިން ތުހުމަތު ކުރި ކަމަށާއި އެހެންކަމުން އެކަމާ ދެކޮޅު ހެދުމުން އޭނާ ތަޅައިގަތީ ކަމަށާއި މާރާމާރީ ހިންގުމަށް ފަހު ފިލަން ވެގެން ގޮސް އަލީ ހަސަން އިނީ މިސްކިތުގައި ކަމަށާއި ފުލުހުން އޭނާ ހައްޔަރު ކުރީ ވެސް އެ ތަނުން ކަމަށް މައުލޫމާތުދީފައިވެއެވެ،
މިމައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން އެމީހާ ވަނީ 150 ދުވަހަށް ޖަލަށް ހުކުމްކޮށްފައެވެ.

