އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ވުރެ ބޮޑަށް އެމްޑީޕީ އިނގޭނެ އިތުރު އެހެން މެމްބަރެއް ނުހުންނާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހުވަދޫ މީޑިއާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މެމްބަރ ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގައި އިމްތިޔާޒް ފަހުމީ އެކި އެކި މަގާމުތަކުގައި ޚިދުމަތްކޮށްދެއްވާފައިވާ މުއްދަތާއި މަސައްކަތް ކޮށްދެއްވާފައިވާ ގޮތް އެއީ، ޕާޓީގެ އާންމު މެމްބަރުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ.
މިމަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ޕާޓީ ބައިބައިވެ ނުދީ ހިފެހެއްޓި މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި، ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެބައޮތް ކަމަށެވެ. އަދި އިންތި އަށް މި ޕާޓީ އަށް ވެފައި އޮތްގޮތާއި، ވަމުންދާގޮތުގެ އިތުރުން، ވާން އުޅޭ ގޮތް އަންދާޒާ ކުރެވޭނެ ކަމާއިމެދުވެސް ޕާޓީގެ މެމްބަރުން ޝައްކު ނުކުރައްވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ޙަސަން ލަތީފް ހުވަދޫ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން — ހުވަދޫ ފޮޓޯ: ޔާމިން ވަޙީދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒްގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ގަމު ދާއިރާގެ ރައީސް ފައްޔާޒް އިސްމާއިލް އެވެ. އިންތި އަދި ފައްޔާޒްގެ ކެމްޕޭން ޓީމުންވެސް އަތޮޅު ތެރޭގައި ކެމްޕެއިންގެ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގައި ހިންގުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ބަލަހައްޓާ ފަރާތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސްއާއި ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް އިންތިޒާމުކޮށް ހިންގުން އަދި ޕާޓީގެ އިދާރީ ކަންކަމުގެ އެންމެހާ މަސްއޫލިއްޔަތުތައްވެސް އުފުއްލަވާނީ ޗެއާޕާސަންއެވެ.

