ރެސްޓޮރޭޓިވް ސްލީޕް ނުވަތަ ރޭގަނޑުގެ އަރާމު ނިދި ނުލިބުމަކީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރާ ކަމެކެވެ. ބޮޑެތި މީހުންނަށް ރޭގަނޑު އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ އާންމު ގޮތެއްގައި ދުވާލު ގަޑީގައި ނިދި އައުމާއި ވަރުބަލިވުމާއި މާޔޫސްވުމާއި މޫޑު ގޯސްވުމާ ގުޅިފައިވާ ކަމެކެވެ.
ދުޅަހެޔޮ ހަށިގަނޑަކާއި ސިކުނޑިއަކަށް ޓަކައި ރޭގަނޑުގެ ނިދި ލިބުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ދުވާލު ގަޑީގައި ވަރުބަލިކަން އިޙްސާސްކުރެވި، ކަންނެތްވެ، ހަކަތަ އިގެ މިންވަރު ދަށްވެ އެމީހެއްގެ އުފެއްދުންތެރިކަން ދަށްވުމަށް މަގުފަހިކުރުވާ ކަމެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ، ސިއްޙީ ބައެއް މައްސަލަތައް ކަމުގައިވާ، ޓައިޕް 2 ހަކުރުބަލި، ތަފާތު ހިތުގެ ބަލިތައް، އާދަޔާ ޚިލާފަށް ފަލަވުން، އަދި ޑިޕްރެޝަން ފަދަ ދާއިމީ ބަލިތަކަށް ވެސް އޮތް އެއް ރިސްކެއްވެސް މެއެވެ. އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށް އެގާރަ ގަޑިއިރާއި ސާދަ ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ނިދި ބޭނުންވާއިރު، އެވްރެޖްކޮށް ބޮޑެތި މީހުން ހަތް ގަޑި އިރާއި ނުވަ ގަޑިއިރާއި، ދެމެދުގެ ވަގުތަކަށް ނިދުމަށް ސިއްޙީ މާހިރުން ނަސޭހަތްތެރިވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ސިއްޙީ މާހިރުންގެ ލަފަޔަކީ ގާތްގަނޑަކަށް ހަ ގަޑިއިރާއި އަށް ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ނިދުމެވެ.
ނިދުމުގެ މުހިންމުކަން
މުމްބާއީގެ ގްލޯބަލް ހޮސްޕިޓަލް، ޕަރެލްގެ ސީނިއާ ކޮންސަލްޓަންޓް ނިއުރޯސައިކޭޓްރިސްޓް ޑރ ސަންތޯޝް ބަންގަރް ބުނެފައިވާ ގޮތުގައި މުހިންމީ ހަމައެކނި ނިދުމުގެ ހަމައެކަނި ނޫން ކަމަށާއި ރަނގަޅު އަރާމު ނިންޖެއް އެކަށީގެންވާ ވަގުތަށް ނިދުން އަދި ނުނިދުމުގެ ތަފާތު މައްސަލަތަކުން ދުރުވުންވެސް ވަރަށް މުހިންމު ކަމަށެވެ.
ކުދިންނަށް އެކަށީގެންވާ ނިދި ނުލިބޭނަމަ ދެންވާނީ ކިހިނެއް؟
ރޭގަނޑުގެ އަރާމު ނިދި ނުލިބުމަކީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއެރުމާއިއެކު، އެކުދިންގެ ހެދިބޮޑުވުމަށް ހުރަސް އެޅިދާނެ ކަމެކެވެ. އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން ލަފާކުރާ ގޮތުގައި %10 އިންސައްތަ ކުދިންނަށް ނިދުމުގެ ކޮންމެވެސް ވަރެއްގެ މައްސަލަތައް ކުރިމަރިވެއެވެ.
ޑރ ބަންގަރް ވިދާޅުވާ ގޮތުގައި، ނިދުމުގެ މައްސަލަޔަށް ފަރުވާ ނުކުރެވި ދިގު މުއްދަތެއް ވުމުން، ތަފާތު ބަލިތަކަށް މަގުފަހިވުމުގެ އިތުރުން، ސްކޫލްގެ ދަރިވަރުންގެ ކާމިޔާބީ އަށް ހުރަސްއެޅި ނަތީއްޖާ ދަށްކުރުވައެވެ. ހެނދުނު ތެދުވެ އުޅެން އުނދަގޫވުން، ވަރުބަލިވުން، ހައިޕައެކްޓިވިޓީ، ޑިޕްރެޝަން، ކެތްތެރިކަން ކުޑަވުން، މޫޑް ސްވިންގްސް، އިމްޕަލްސް ކޮންޓްރޯލް ގެ މައްސަލަތައް، އަދި ރުޅިވެރިކަން އިތުރުވެ، އެހެން މީހުންނަށް އަނިޔާކުރުން ފަދަ އަމަލުތަށް އެފަދަ ކުދިންގެ ކިބައިން ފެނިގެން ދެއެވެ.
އުމުރުން ދުވަސްވީ ބޭފުޅުންނަށް ނިދި ބޭނުންވަނީ މަދުންތަ؟
ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ދުވަސްވުމުން ނިދުމުގެ ބޭނުންވުމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް އުމުރުން ދުވަސްވުމުން ނިދި ބޭނުންވާ މިންވަރަށް ނިދި ނުލިބުގެ ބައެއް މައްސަލަތައް ކުރިމަތިވެއެވެ. ބޮޑެތި މީހުންނަށް ނިދުމުގެ ގާބިލްކަން ދަށްވުމުގެ ސަބަބުން ގިނަ ފަހަރަށް ތަފާތު ބާވަތުގެ ބޭސްތަކުގެ އެހީގައި ނިދި ހަމަކުރެއެވެ.
ޕަލްމޮނޮލޮޖީ، ފޯޓިސް ހޮސްޕިޓަލްސް، ބެނަރގަތާ ރޯޑްގެ ޑިރެކްޓަރ ޑޮކްޓަރ ވިވެކް އާނަންދް ޕަޑޭގަލް ވިދާޅުވާ ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް އަރާމު ނިދި ލިބުން ދަށްވެދާނެ އެވެ.
ނިދުމަށް ސިއްޙީ މާހިރުން އިލްތިމާސް ކުރާ މިންވަރު
އުމުރުން 1 އަހަރާއި 2 އަހަރާއި ދެމެދުގެ ކުދިން 11 ގަޑިއިރާއި 14 ގަޑިއިރުގެ ވަގުތަކަށް ނިދުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ. ޕްރީސްކޫލް އުމުރުގެ ކުދިން 10 ގަޑިއިރާއި 13 ގަޑިއިރަށް، 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިން 9 ގަޑިއިރާއި 11 ގަޑިއިރަށް ނިދުމަށް އިލްތިމާސްކޮށްފައިވާއިރު، 14 އަހަރާއި 17 އަހަރުގެ ޒުވާނުން 8 ގަޑިއިރާއި 10 ގަޑިއިރަށް ނިދަން ޖެހެއެވެ. އަދި 18 އަހަރުން މަތީ ބޮޑެތިމީހުން 7 ގަޑިއިރާއި 9 ގަޑިއިރަށް އިލްތިމާސްކޮށްފައިވާއިރު، 60 އަހަރުން މަތީ އުމުރުން ދުވަސްވީ ބޭފުޅުން، ދުވާލަކު 6 ގަޑިއިރާއި 8 ގަޑިއިރުގެ ވަގުތަކަށް ނިދުމަށް ސިއްޙީ މާހިރުން އިލްތިމާސްކުރެއެވެ.
ރޭގަނޑުގެ ހަމަނިދި ލިބެންޖެހޭ މިންވަރަށް ނިދި ލިބިގަތުމަށް ކުރެވިދާނެ ކަންތައްތައް
- ދުވާލު ގަޑީގައި ނިދުމާއި ދުރުހެލިވާށެވެ.
- ކެފެއިން ގިނަ އަދި ހަކުރު އެކުލެވޭ ކާނާ އާއި ބުއިން މަދުކުރެވިދާނެއެވެ.
- ފޮތެއް ކިޔުން ނުވަތަ މަޑުމައިތިރި ރާގެއް އަޑުއަހާލުން ފަދަ މަޑުމައިތިރި ހަރަކާތްތަކަށް ހިތްވަރު ދޭށެވެ.
- ރޭގަނޑު ނިދުމުގެ 3 ގަޑިއިރު ކުރިން ކަސްރަތު ކުރުމާއި ދުރުހެލިވާށެވެ.
- ނިދާ ކޮޓަރި ހަމައެކަނި ނިދުމަށް ބޭނުންކުރުން، ޓީވީ ބަލަމުން ކެއުން ފަދަ ކަންކަން ނިދާކޮޓަރީގައި ނުކުރުން
- ނިދާ ކޮޓަރީގެ އެބިމަންސް ފިނި، އަނދިރި، އަދި އަޑުމަޑު ތަނަކަށް ހަދާށެވެ.
- ސްމާޓްފޯން، ވީޑިއޯ ގޭމް، ކޮމްޕިއުޓަރު، ކުއްޖާ ނިދާ ކޮޓަރިން ބޭރުކޮށް، ބޭނުން ކުރުން މަނާ ގަޑިތަކެއް ކަނޑައެޅިދާނެއެވެ.
- ހަފްތާ ބަންދުގައި ނިދުމާއި ހޭލާ ވަގުތުތައް އެއްހަމައެއްގައި ބަހައްޓާށެވެ.

