ޏ.ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު ޑައިވް ކުރި ސަރަހައްދުން އޭނަގެ ޑައިވް ބެލްޓެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި ހޯމަ ދުވަހުގެ ހަވީރު ޑައިވިންގއަށް ފޭބި ސައީދު އަދިވެސް ފެނިފައިނުވެއެވެ. ނަމަވެސް އޭނަގެ ޑައިވިންގ ބެލްޓު ވަނީ ފެނިފައެވެ. އެ ބެލްޓު ފެނިފައިވަނީ ސައީދު ޑައިވްކުރި ސަރަހައްދުގެ 68 މީޓަރު އަޑިންނެވެ. ސައީދު ހޯދުމަށް ސިފައިން ހިންގަމުން އަންނަ އޮޕަރޭޝަނުގައި މިއަދު ވަނީ ހަތަރު ޑައިވް ފުރިހަމަކޮށްފައެވެ.
ސައީދު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އެގޮތުން ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ސިފައިން ވަނީ ބަލައިފައެވެ. އަދި ދެހާބް ކްރާފްޓް މިމަސައްކަތަށް ބޭނުން ކުރަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ވަނީ ދަތުރު ފަށާފައެވެ. މިމަސައްކަތުގައި ފުވައްމުލަކުގެ ޑައިވަރުންވެސް ދަނީ އެހީތެރިވަމުންނެވެ.
ކައްޗަކަށް ވާ ގޮތަށް ހެދިފައި އޮތް ފަރުގެ ސަރަހައްދުގެ ފުންމިނުގައި، އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދު ހުންނާނެ ކަމަށް އެމްއެންޑީއެފް އިން ލަފާކުރެއެވެ.
ފުވައްމުލަކުގައި ޑައިވިން ސެންޓަރެއް ހިންގާ އެރަށު ނޫވިލް، މުހައްމަދު ސައީދަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އޭނާ އިއްޔެ ޑައިވިންއަށް ދިޔައީ ފަތުރުވެރިން ގޮވައިގެނެވެ. ހޯމަދުވަހު 2:30 ހާއިރު އޭނާ ޑައިވިންއަށް ދިޔައީ 14 މީޓަރު އަޑިއަށެވެ.
ސައީދާއެކު އިއްޔެ ޑައިވިނަށް ގޮސް އުޅުނު އެހެން ޒުވާނެއްގެ ހާލު ދެރަވެ ކަނޑިންމަ ރިސޯޓްގެ ޗެމްބަރުގައި އަންނަނީ ފަރުވާދެމުންނެވެ.

