ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކުންފުނިން ހިންގި “އިންވެސްޓްމަންޓް ފަންޑު”ގައި ބައިވެރިވެ އިންވެސްޓް ކުރި މީހުންނަށް، އަމިއްލަ މުދާ ވިއްކައިގެންވެސް އަނބުރާ ފައިސާ ދެއްވާނެ ކަމަށް އަލްހާން ވިދާޅުވެއްޖެއެވެ.
އަލްހާނާއި އޭނާގެ ކޮއްކޮ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އިސްވެ ތިބެ އުފެއްދެވި “ކިންގްސް ކެޕިޓަލް ހޯލްޑިންގް” އިން “ކިންގްސް ފޮރެކްސް”ގެ ނަމުގައި، ހިންގި އިންވެސްޓްމަންޓް ފަންޑަށް އެތައްބަޔަކު ވަނީ އިންވެސްޓްކޮށްފައެވެ.
މީގެ ދެމަސް ކުރިން އެކަން ސަރުކާރުގެ މާލީ އިދާރާތަކުގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އެހެންކަމުން އަލްހާންގެ މިމަސައްކަތަށް ދިޔައީ ހުރަސްތަކެއް އެޅެމުންނެވެ. އިންވެސްޓްމަންޓްގެ ނަމުގައި ބޮޑު ފްރޯޑެއް ކަމަށް ބުނެ މިމައްސަލަ ފުލުހުންދަނީ ތަހުޤީގުކުރަމުންނެވެ. އެހެންކަމުން ކިންގް ފޮރެކްސް އިން ވަނީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ބަލައިގަތުން ހުއްޓާލައިފައެވެ.
އެކުންފުންޏަށް އިންވެސްޓްކުރި މީހުން ފައިސާ އަނބުރާ ނުލިބި ލަސްވަމުންދާތީ ގިނަބަޔަކު އަލްހާނާއި ދިމާކޮށް ފުރައްސާރަ ކުރަމުންދާތީ އެކަމާ އުދަނގޫވެ، “ކިންގްސް ފޮރެކްސް”ގެ ނަމުގައި ހަދާފައިވާ ޓެލެގުރާމް ގުރޫޕެއްގައި އަލްހާން ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، އޭނާ އެކަން ފެށީ އިންވެސްޓް ކުރި މީހުންގެ ފައިސާއިން ”ކަމެއްކޮށްގެން” މުއްސަނދިވެގެން ފިލަން ނޫން ކަމަށާއި އެކަމުން ދެފަރާތަށްވެސް މަންފާ ހޯދުމުގެ ނިޔަތުގައި ކަމަށެވެ. އަދި އޭނަގެ އަމިއްލަ މުދާ ވިއްކައިގެން ނަމަވެސް އިންވެސްޓަރުންގެ ފައިސާ އަނބުރާ ދޭނެ ކަމަށެވެ.
އަލްހާން ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ބާރުގަދަ ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ކުރާ ކަމެއް ކަމަށާއި އެކަމަށް ހުރަސްއަޅައި ހުއްޓުވުމުގެ ސަބަބުން، ވަމުންދާ ގެއްލުމަކީ އެއްގޮތަކަށްވެސް އޭނާ ރާވައިގެން ގަސްތުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ފިލަން ނޫޅޭ ކަމަށާއި ޒިންމާއިން ރެކެންވެސް ނޫޅޭ ކަމަށް ތަކުރާރުކޮށް އަލްހާން ވަނީ ވިދާޅުވެފައެވެ. މިކަމުގައި އޭނައަށް ވަގުތުކޮޅެއް ދިނުމަށާއި އެފަދަ ކަމެއް ދިމާވުމަކީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

