ގއ. ވިލިނގިލީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
ރޭގެ ވަގުތެއްގައި ހިނގި އެހާދިސާގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ގއ.އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް ކަމަށެވެ. އަދި ސައިކަލް ދުއްވި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ގއ.އަތޮޅު ހޮސްޕިޓަލާ ހަވާލާދީ އަވަސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓުވި ދެމީހުންނަށް ލިބިފައިވާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
“ބޮޑަށް ގެއްލުން ލިބިފައިވަނީ 30 އަހަރުގެ މީހާ އަށެވެ. އަދި ދެ މީހުންނަށް ބޭރުފުށުން ލިބިފައި ހުރި އަނިޔާތަކަށް ބަލާއިރު މޫނާއި ހަށިގަނޑުގެ އެހެން ބައެއް ތަންތަން ކަނޑައިގެން ގޮސްފައި އެބަހުރި. ފަރުވާއަށް ފަހު މީހުންނާ ރަނގަޅަށް ވާހަކަދައްކާ ހަދާ،” ގއ.އަތޮޅު ހޮސްޕިޓަލާ ހަވާލާދީ އަވަސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އަދި އަނިޔާވި ދެ މީހުން މާލެ ފޮނުވާލުމަށްޓަކައި އާސަންދައާއި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެންމެ އަވަހަށް ވެސް ޗާޓަރު ފްލައިޓެއް ލިބެން އޮތީ މިރޭ 8:30 ހާއިރު މިއަދު އަންގާފައިވާ ކަމަށްވެސް އެނޫހުން ވަނީ ރިޕޯޓުކޮށްފައިވެއެވެ.

