އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަކީ އެމްޑީޕީ، ދަރީންގެ ދަރިންނަށް ވާސިލު ކޮށްދޭނެ ހަމަ އެކަނި ކެނޑިޑޭޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ހުވަދޫ މީޑިއާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވައްޑެ ވިދާޅުވީ، އެމްޑީޕީ އަކީ ޑިސްޕޯސިބަލް އެއްޗެއް ގޮތަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ގޮތަށް އުފައްދާފައި އޮތް ޕާޓީ ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އެތައް ސަތޭކަ އަހަރަށް އަދި ދަރީންގެ ދަރީންނާއި ހަމަޔަށް އިސްލާހީ މަސައްކަތެއް ކުރުމަށާއި ހެޔޮވެރިކަމެއް ކުރުމަށް އުފައްދާފައި އޮތް ޕާޓީ އެއް ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުވަދޫ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން — ހުވަދޫ ފޮޓޯ: ޔާމިން ވަޙީދު
މީގެ އިތުރުން އިންތިގެ ކެމްޕެއިން ތަރުޖަމާނުކަން ވެސް ކުރައްވާ ވައްޑެ ވިދާޅުވީ، އެމްޑީޕީގެ އުސޫލުތައް ދެމަހެއްޓުމަށާއި އިތުބާރާއި ފަލްސަފާތައް ދެމަހެއްޓުމަށް އިމްތިޔާޒް ފަހުމީ ފިޔަވައި އިތުރު ކެނޑިޑޭޓަކު މި ޗެއާޕާސަން ކަމުގެ އިންތިޚާބުގައި ވާދާނުކުރައްވާ ކަމަށެވެ.
"އިމްތިޔާޒް ފަހުމީ އަކީ އެމްޑީޕީ، އެމްޑީޕީ އަޅުގަނޑުމެންގެ ދަރިންނަށް ވާސިލު ކޮށްދޭނެ ހަމަ އެކަނި ކެނޑީޑޭޓަކީ މި އިންތިޚާބުގައި އިމްތިޔާޒް ފަހުމީ. އެސަބަބަށްޓަކައި އަޅުގަނޑު މިހުރީ އިންތި އާއި އެކީ" – މުހައްމަދު ވަހީދު (ވައްޑެ)
މީގެކުރިން އެމްޑީޕީ ޗެއާޕާސަންކަމުގެ އިންތިޚާބާއި ގުޅިގެން ވައްޑެ ވިދާޅުވީ އެމްޑީޕީގެ 17 އަހަރުގެ ކާމިޔާބީގެ ފަހަތުގައި އެތައް މަސައްކަތްތަކެއް ވާއިރު އުސޫލުތަކެއް އެކުލަވާލައި މެނިފެސްޓޯއަކާއި އަމާޒެއްގެ ދަށުން މަސައްކަތް ކުރުމުގެ ނަތީޖާއަކީ ދިވެހި ރާއްޖެ، އަނެއް ރާއްޖެއަށް ބަދަލު ކުރެވުންކަމަށެވެ. އެމްޑީޕީއަކީ ޒަމާނުއްސުރެން ފެށިގެން ބަޔަކު ދިވެހީންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އަލުން އަނބުރައި ހޯދުމަށް ގުރުބާނީތަކެއް ވީ ޕާޓީއެއް ކަމަށްވެސް ވައްޑެ ވަނީ ވިދާޅުވެފައެވެ.
އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ފޯރިގަދަވެފައިވާ ޗެއާޕާސަންކަމުގެ މަގާމާއި އެކު ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒަ ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އަދި ދެ ބޭފުޅުން ވެސް ގެންދަނީ ރަށްތަކަށް ދަތުރު ކުރައްވައި، ތައީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގައި ހިންގުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ބަލަހައްޓާ ފަރާތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސްއާއި ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް އިންތިޒާމުކޮށް ހިންގުން އަދި ޕާޓީގެ އިދާރީ ކަންކަމުގެ އެންމެހާ މަސްއޫލިއްޔަތުތައްވެސް އުފުއްލަވާނީ ޗެއާޕާސަންއެވެ.

