ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތިލަފުށީގައި ކުނި ނައްތާލަން ހިންގާ ޕްރޮޖެކްޓުން ތިން މިލިއަން ޑޮލަރު އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ނަންގަވާފައިވާކަމަށް ތުހުމަތުކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ވަޓްސްއަޕް ގުރޫޕެއްގައި ފާތިމަތު ޝިޔާމާ ނަމަކަށް ކިޔާ އެމްޑީީޕީ މެމްބަރަކު ބުނެފައިވަނީ ޝައުނާއަކީ ކޮރަޕްޓް މީހެއްކަމަށާއި މިނިސްޓަރ ޝައުނާގެ ކޮރަޕްޝަންގެ ލައްކަ ވާހަކަ އެބަހުރިކަމަށެވެ. އޭގެތެރެއިން އެއްވާހަކައަކީ ތިލަފުށީ ކުނި ޕްރޮޖެކްޓުން ޝައުނާ 3 މިލިޔަން ޑޮލަރުގެ ވައްކަން ކޮށްފައިވާ ވާހަކަ ކަމަށް ޝިޔާމާ ވަނީ އެގުރޫޕުގައި ބުނެފައެވެ. އަދި ޝައުނާ އަށް ލިބޭ މުސާރައާއި ނުބައްދަލު ޚަރަދު މިހާރުވެސް ކުރަމުންދާކަމަށާއި، އެގޮތުން ހުޅުމާލެއިން ފްލެޓެއްވެސް ބައްލަވައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
“ބަލަ ތި ޝައުނާ ކައިރިން އަހާބަލަ ތިލަފުށީގައި ކުނި ޕްރޮޖެކްޓުން 3 މިލިޔަން ޑޮލަރުގެ ކަޓު ނުނަގަންތޯ. މިކަހަލަ ވައްކަމުގެ ފައިދާ ނަގައިގެން ތިބެ އަނގަފަތުރަނީ. ދެން ހުޅުމާލެއިން އެޕާޓްމަންޓް ގަނެގެން ނުލިބޭ މުސާރައަކުން މުއްސަދިވެގެން މިއުޅެނީ މީނައަށް ކާކުދިން ލާރިއެއްތޯ؟ މިޝައުނާ މީ ބޮޑު ކޮރަޕްޓް މީހެއް. މިމީހުން ކޮށްފައިވާ މިކަހަލަ ކިތަންމެ ވާހަކައެއް ދެއްކިދާނެ” ވަޓްސްއަޕް ގުރޫޕުގައި ޝިޔާމާ ބުނެފައިވެއެވެ.
ޝައުނާގެ ބޮލުގައި މިފަދަ ބޮޑެތި ތުހުމަތްތައް އަޅުވަން ފެށުނީ ޝައުނާ ފައްޔާޒަށް ތާއީދުކުރާކަން ހާމަކުރި ފަހުންނެވެ. ޝައުނާގެ މިނިންމުމަކީ އޭނަގެ މަޤާމު ދިފާއުކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
“ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް” އަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ 211.13 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެކެވެ. މި ޕްރޮޖެކްޓަށް ދިވެހި ސަރުކާރުގެ އިތުރުން ބޭރުގެ 6 އިދާރާއަކުން ފަންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

