އެމްޑީޕީގެ މެމްބަރުން ތިބި ވަޓްސްއަޕް ގުރޫޕެއްގައި އެމްޑީޕީ މެމްބަރަކު ޝައުނާއަށް ވައްކަމުގެ ބޮޑެތި ތުހުމަތުކުރަމުންދާތީ އެކަމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަ ކުރައްވާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ލީޑާޝިޕްގައި ތިބި ބައެއް އަންހެން ބޭކަނބަލުންނަށް ހާއްސަކޮށް ޕާޓީތެރެއިން ހަނގާކޮށް ބޮޑެތި ދޮގު ތުހުމަތުތައް އަޅުވާ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ. އަދި މިފަދަ އަމަލުތައް ރޮޒައިނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ރޮޒައިނާ ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވީ މަދު އަންހެން ކަނބަލުންނެވެ. އެހެންކަމުން މިފަދަ ދޮގު ތުހުމަތްތައް އަޅުވާ ހަނގާކޮށް ހެދުމުން ސިޔާސީ ގޮތުން އަންހެނުންނަށް އޮތް ބާރުވެރިކަން ނައްތާލުމަށް ކުރާ ކަމެއްކަމުގައި ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ވަޓްސްއަޕް ގުރޫޕެއްގައި ފާތިމަތު ޝިޔާމާ ނަމަކަށް ކިޔާ އެމްޑީީޕީ މެމްބަރަކު ބުނެފައިވަނީ ޝައުނާއަކީ ކޮރަޕްޓް މީހެއްކަމަށާއި މިނިސްޓަރ ޝައުނާގެ ކޮރަޕްޝަންގެ ލައްކަ ވާހަކަ އެބަހުރިކަމަށެވެ. އޭގެތެރެއިން އެއްވާހަކައަކީ ތިލަފުށީ ކުނި ޕްރޮޖެކްޓުން ޝައުނާ 3 މިލިޔަން ޑޮލަރުގެ ވައްކަން ކޮށްފައިވާ ވާހަކަ ކަމަށް ޝިޔާމާ ވަނީ އެގުރޫޕުގައި ބުނެފައެވެ. އަދި ޝައުނާ އަށް ލިބޭ މުސާރައާއި ނުބައްދަލު ޚަރަދު މިހާރުވެސް ކުރަމުންދާކަމަށާއި، އެގޮތުން ހުޅުމާލެއިން ފްލެޓެއްވެސް ބައްލަވައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޝައުނާގެ ބޮލުގައި މިފަދަ ބޮޑެތި ތުހުމަތްތައް އަޅުވަން ފެށުނީ ޝައުނާ ފައްޔާޒަށް ތާއީދުކުރާކަން ހާމަކުރި ފަހުންނެވެ. ޝައުނާގެ މިނިންމުމަކީ އޭނަގެ މަޤާމު ދިފާއުކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
"ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" އަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ 211.13 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެކެވެ. މި ޕްރޮޖެކްޓަށް ދިވެހި ސަރުކާރުގެ އިތުރުން ބޭރުގެ 6 އިދާރާއަކުން ފަންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

