އިންޑިއާ އައުޓް” ކެމްޕެއިންގެ ބެނާ ހަރުކުރި ދެގެއެއްގެ ވެރިން ފުލުހަށް ހާޒިރުކުރަން ފަށައިފިއެވެ.
އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރީލްމަހު 21 ވަނަ ދުވަހު ޤަރާރެއް ނެރެފައިވަނިކޮށް އަމުރާ ޚިލާފަށް މާލޭގެ ދެގެއެއްގައިވަނީ އިންޑިޔާ އައުޓް ބެނާ ދަމާފައެވެ. އޭގެތެރެއިން އެއް އިމާރާތަކީ ޕީޕީއެމް އޮފީސް ހިންގާ އިމާރާތެވެ. ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާގޭގެ ވެެރިޔާ ހުސައިން ރަަޝީދު މިއަދު 14:30ގަ ފުލުހަށް ހާޒިރުކޮށްފައިވާއިރު އެ ކެމްޕޭނަށް ތާޢީދުކޮށް ބެނާ ދެމި މައްސަލައިގައި ގ.ހޭޅި ގޭގެ ވެރިފަރާތްވެސް މިއަދު 17:00 އަށް ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.
އިންޑިއާ އައުޓް ބެނާ ހަރުކުރި މައްސަލާގައި ހުސައިން ރަަޝީދަށް ފޮނުވި އެންގުމެއްގައި ފުލުހުން ބުނެފައިވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެހެން “އިންޑިއާ އައުޓް” ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަަށެވެ.
ރައީސް ސޯލިހު ނެރުނު ޤަރާރުގައި ބުނާގޮތުން އިންޑިޔާ އައުޓް ކެމްޕެއިނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އަދި ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި އިދިކޮޅުން ހިންގާ ހަރަކާތެއް ކަމަށް އެޤަރާރުގައި ބުނެފައިވެއެވެ.

