ދުނިޔޭގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ އެއްމާބަނޑު 9 ކުދިންނަށް އެއް އަހަރު ފުރުން ފާހަނގަކޮށްފިއެވެ.
މިދިޔަ އަހަރު މެއި މަހު މާލީގެ ދެމަފިރިއަަކަށް ލިބިފައިވާ އެއްމާބަނޑު 9 ކުދިންނަށް އެއް އަހަރު ފުރިފައިވަނީ މިމަހު 4 ވަނަ ދުވަހުގައެވެ. މިހާގިނަ ދުވަހު ދުނިޔޭގައި ތިބުމުން އެކުދިންވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.
މޮރޮކޯގައި ދިރިއުޅެމުން އަންނަ މިއާއިލާ އުޅެނީ އެކުދިންގެ ސިއްހީ ކަންކަން ބަލަމުން އަންނަ ކްލިނިކްގެ އިމާރާތުގައެވެ. އެއީ ބޭނުން ވެއްޖެނަމަ ސިއްހީ އަވަސް ފަރުވާ ލިބި ދިނުމަށެވެ. އެކުދިންނަކީ ދުނިޔޭގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައިތިބި ކުދިންނެވެ.
ޑޮކްޓަރު ލަފާކުރި ގޮތާއި ޚިލާފަށް އެކުދިން ހެދިބޮޑުވުމުގައި ކުރިއެރުން ފެންނަމުންދާ ކަމަށާއި ހުރިހާ ކުދިންގެ ވެސް މިހާރު ފިރުކި އިށީންދެ ހަދާ ކަމަށް އެކުުދިންގެ ބައްޕަ ވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.
މިފަދަ ގޮތަކަށް އުފަންވާ އެއްމާބަނޑު ކުދިން ދުނިޔޭގައި ނުތިބޭތީ ޑޮކްޓަރުން ވަނީ ކޮންމެ ކަމަކަށް ވެސް ތައްޔާރުވެ ތިބުމަށް ގާދިރުއާއި އޭނާގެ އަންހެނުން ކައިރީ ބުނެފައެވެ. އަދި މިކުދިންގެ ސިއްހަތަށްޓަކައި ޑޮކްޓަރުންދަނީ ހާއްސަ ޑައިޓެއް ބޭނުންކޮށް ގަވައިދުން ޗެކްއަޕްތައް ހަދަމުންނެވެ.
މީގެ ކުރިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ތިބި އާދަޔާޚިލާފު އެއްމާބަނޑު ކުދިންގެ ރެކޯޑު އޮތީ އެމެރިކާގެ އަންހެނަކަށް ލިބުނު އެއްމާބަނޑު 8 ކުދިންގެ އަތުގައެވެ.

