މާރާމާރީއަކާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހިޔާ ފްލެޓެއްގެ ތެރެއިން ފުލުހަކަށް ވަނީ ކޯރާޑިން ހަމަލާދީފައެވެ. އަދި މިމައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިމައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.
ކޯރާޑިން ހަމަލާދިން ފުލުސްމީހާގެ އަތަށް ވަނީ އަނިޔާވެފައެވެ. އެހެންނަމަވެސް ފުލުސްމީހާގެ ހާލަތު އެހާ ސީރިއަސްއެއް ނޫނެވެ.
ފިޠުރު ޢީދު ދުވަހާއި ބުދަ ދުވަހުގެ ރޭ މާލޭގައި ޖުމްލަ ހަތަރު މާރާމާރީއެއް ހިންގާފައިވާއިރު ފުލުހުން ވަނީ މި މާރާމާރީތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައެވެ. މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައިވާއިރު އިތުރު ބައެއް މީހުން ހޯދުމަށް ވަނަވަރުވެސް އާންމުކޮށްފައިވެއެވެ.

