މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހުވަދުއަތޮޅުގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ގއ. ވިލިނގިލި އަދި ގެމަނަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެދެރަށުން ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 6ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ގއ.ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތުދީފައިވެއެވެ.
ހަމައެއާއެކު މިމަހު 5 ވަނަ ދުވަހު ގއ.ގެމަނަފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެރަށުން 29 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ހޮޅިކޮޅު ފެނިފައިވެއެވެ. މީގެއިތުރުން އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި، މޯބައިލް ފޯނުތަކަކާއި، ފައިސާ ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 14 ދުވަހުގެ މުއްދަތުދީފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

