މީ މިއަދު ފިޔޯރީގައި ބަލިމީހުން އުފުލަންޖެހޭ ހާލަތު: ފައިޒަރު

ގދ.ފިޔޯރީގައި އެމްބިއުލާންސެއް ނެތުމުގެ ސަބަބުން ބަލިމީހަކު ރަށު ޕިކަޕަކަށް ލައިގެން މަރުކަޒަށް ގެންދާ ވީޑިޔޯއެއް އާންމުވެއްޖެއެވެ.
މިވީޑީޔޯ އާންމުކޮށްފައިވަނީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދުއެވެ. ވީޑިޔޯ އާއްމުކުރަމުން ފައިޒަރު ވިދާޅުވެފައިވަނީ މިއީ މިއަދު ފިޔޯރީގައި ބަލިމީހުން އުފުލަން ޖެހޭ ހާލަތު ކަމަށެވެ.
ފައިޒަރު އިތުރަށް ވިދާޅުވީ ފިޔޯރީގައި މިހާރު އޮތް އެމްބިއުލާންސަކީ މީގެ 14 އަހަރު ކުރިން އެރަށަށް ފޮނުވާފައިވާ އެމްބިއުލާންސެއް ކަމަށާއި އެ އެމްބިއުލާންސް ދުއްވި މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ އޭގެ ހާލަތު ވަރަށް ދެރަ ކަމަށެވެ.
އެމްބިއުލާންސްގެ ހާލަތު 2021 ވަނަ އަހަރު ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް ލިޔެކިޔުމުން އަންގާފައިވާނެ ކަމަށް ފައިޒަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވާއިރު ފިޔޯރީއަށްވެސް އެމްބިއުލާންސެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވީނަމަވެސް ފިޔޯރީއަށް އެމްބިއުލާންސެއް ނުލިބޭކަން ފައިޒަރު ފާހަނގަކޮށްލިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކޮށްގެން ހުރީ މިފަހަރު ރަށްތަކަށް ފޮނުވާ އެމްބިއުލާންސްތަކުން ފިޔޯރީއަށް އެމްބިއުލާންސެއް ލިބިގެންދާނެ ކަމަށް، އެގޮތަށް އުއްމީދު ކުރީ އެފަދަ އިޝާރާތެއް ސަރުކާރުގެ ވެރިއެއްގެ ފަރާތުން ލިބިގެން" ފައިޒަރު ވިދާޅުވިއެވެ.
ސީލިން ކުރަން އަރާ ހުރި މީހަކު ވެއްޓި އަނިޔާވުުމުން ރަށު ޕިކަޕެއްގައި ބަލީމީހާ އުފުލާ ވީޑިއޯ އާއްމު ކުރުމާއި ގުޅޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުުން ފައިޒަރު ވިދާޅުވީ ފިޔޯރީގައި އޮތް އެމްބިއުލާންސް ހަލާކުވެގެން ރަށު ޕިކަޕުން ބަލިމީހުން އުފުލާތާ އެއްމަސް ދުވަސް ވެފައިވާ ކަމަށާއި ކުރީގެ އޮތް އެމްބިއުލާންސަކީ އެއްވެސް ހާލަތެއްގައި ބޭނުން ކުރެވޭފަދަ ހާލަތެއްގައި އޮތް އެއްޗެއް ނޫން ކަމަށެވެ.
އެމްބިއުލާންސްގެ މައްސަލަ ފިޔޯރީ ސިއްޚީ މަރުކަޒުންވެސް އަދި ފިޔޯރީ ކައުުންސިލުންވެސް އެތައްފަހަރެއްގެ މަތިން ސަރުކާރުގައި ދަންނަވާފައިވާ ކަމަށާއި ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭންޖެހޭނެ ކަމަށް ފައިޒަރުު މައުުލޫމާތުދިނެވެ.
ފިޔޯރީއަކީ އާބާދީވެސް ބޮޑު ރަށަކަށްވެފައި އެގޮތަށް ކަންތައްވަމުން ދާތީ ރައްޔިތުންނަށް ގެއްލުންތަކެއް ވަމުންދާކަން ފައިޒަރު ފާހަނގަކޮޮށްލިއެވެ.
ފިޔޯރީގެ މަރުކަޒުގައި ހަލާކުވެފައި އޮތް ހާލުދެރަ އެމްބިއުލާންސެއް ބޭނުންކުރަމުން އަންނަތާ އެތައް އަހަރެއް ފަހުން އެމްބިއުލާންސް އެއްކޮށް ހަލާކުވެގެން ރަށު ޕިކަޕުގައި ބަލިމީހުން އުފުލާތާ މިހާރުވަނީ އެއް މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައެވެ. މިކަމާ އެރަށު ރައްޔިތުުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
