ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ތިނަދޫ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ކަމަށެވެ.
ތިނަދޫ ދެކުނު ފަރާތުގައި ހަދާ އެއިމާރާތް ފަރުމާކޮށްފައިވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ ކޮންފަރެންސް ހޯލަކާއި، ހަތަރު ކްލާސް ރޫމާއި، ލައިބްރަރީއަކާއި، އެޑްމިން އޮފީހެއްގެ އިތުރުން އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވުޟޫޢުކުރެވޭނެ އިންތިޒާމްތަކާއިއެކުއެވެ.
މީގެއިތުރުން ޕޭންޓްރީ ރޫމަކާއި، ދެ ސްޓޯރޫމާއި، އިކުއިޕްމެންޓް ރޫމެއްވެސް މި ފަންގިފިލާގައި ހިމަނާފައިވެއެވެ. ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީހަކާއި، އިކުއިޕްމަންޓް ރޫމެއް މި ފަންގިފިލާގައި ހުރެ އެވެ.
އެ އިމާރާތަކީ ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.

