ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރާއި ދެކޮޅަށް ރައީސް ނަޝީދު ނުކުންނަވައިގެން 2023 ގެއްލި 2028 ގައިވެސް ކާމިޔާބް ނުހޯދޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޏ.ފުވައްމުލަކުގައި ބޭއްވި އެމްޑީޕީ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާ މިނިސްޓަރ ފައްޔާޒް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރާ ފެޔަށްޖެހި ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބު ގެއްލި 2028ގެ އިންތިޚާބު ހޯދޭނެކަމަށް ޤަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި އަބަދުވެސް ވިސްނަން ވާނީ ޕާޓީ ވަރުގަދަކޮށް ރައްޔިތުންނަށް ދިމާވާ ކަންތައްތައް ހައްލުކުރުމަށް ކަމަށެވެ. ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީ ވަރުގަދަ ކުރެވޭނީ ސަރުކާރާއި ޕާޓީ ގުޅިގެން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވިޔަސް ސަރުކާރާ ފެޔަށް ޖެހުމަކީ ރަނގަޅުގޮތެއް ނޫންކަމަށާއި، ވިސްނުން ބަހައްޓަން ޖެހޭނީ ސަރުކާރާއި އެއްކޮޅަށް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންނާއި ޕާޓީއާ ގުޅިގެން ތާ އަބަދު މަސައްކަތްކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި، ޕާޓީގެ މެންބަރުންނާ މަޝްވަރާ ޕާޓީގެ ސިޔާސަތު ކަނޑައަޅާ މޭޒަށް ހަގީގަތުގައިވެސް ދާން އެބަޖެހޭކަން ފައްޔާޒް ފާހަނަގަކޮށްލިއެވެ.
ޗެއާޕާސަންގެ އިންތިހާބައި އެކުގައި ޕާޓީ ބައިބައިވެފައިވާއިރު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ފާޅުގައި ސަރުކާރާއި ދެކޮޅަށް ނުކުންނަވާފައެވެ. އަދި ދާދި ފަހުން ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

