ގއ.ވިލިނގިއްޔާއި ކޫއްޑޫ އާއި ދެމެދު ބުރިޖެއް އެޅުމުގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމަށް އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުކުރެއްވުމުގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ ބުރިޖުގެ ހުވަފެން ހަގީގަތަކަށް ވެގެން ދާނެ ކަމަށެވެ. ވިލިނގިލި-ކޫއްޑޫ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިޙުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމެން ކައިރިވެފައިވާއިރުވެސް ބްރިޖުގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ވިލިނގިލީ ދާއިރާގެ މަސައްކަތްތަކާއި ގުޅިގެން ރައީސް ޞޯލިޙާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގެ މައުލޫމާތު ޙިއްސާކުރައްވަމުން ސައުދު ވިދާޅުވީ، ވިލިނގިލީ ދާއިރާގެ ކުރަން ހުރި މުހިންމު މަސައްކަތްތަކާއި ބެހޭ ގޮތުން އެމަނިކުފާނާ މަޝްވަރާކުރެވުނު ކަމަށާއި، އެ މަޝްވަރާގެ ތެރެއިން ވިލިނގިލީ-ކޫއްޑޫ ބްރިޖުގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.
“ރައީސް ސޯލިހާއި ބައްދަލުވެ ވިލިނގިލީ ދާއިރާގެ ކުރަން ހުރި މުހިއްމު މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އިރާދަކުރެއްވިއްޔާ ވިލިނގިލީ – ކޫއްޑޫ ބުރިޖުގެ ހުވަފެން ހަގީގަތަކަށް ވެގެން ދާނެ. ގައުމު ބިނާކޮށް އާރާސްތު ކުރުމަށް ރައީސް ކުރައްވާ މަސައްކަތައް ޝުކުރު ޙައްޤު.” ސައުދު ވިދާޅުވިއެވެ.
ގއ.ކޫއްޑޫ އާއި ވިލިނގިލި ބުރިޖަކުން ގުޅާލަން ރައީސް ސޯލިހް ވައުދުވީ 2018 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ ރޭ ވިލިނގިލީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައެވެ. އެޖަލްސާގައި އެމަނިކުފާނު ވަނީ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން މާ ބޮޑު ހަރަދެއް ނުދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

