ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތައްޔާރީތައް ވާން ފަށައިފިއެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި ގައްދޫ ބަދަރުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޮނިހިރު ދުވަހު ސައިޓް މޮބިލައިޒްކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލެވިގެންދާނެއެވެ. އަދި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ..
މީގެއިތުރުން 320 މީޓަރުގެ ސްކައުރިން އޭޕްރަންއެއް ހެދުމާއި، 1,600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުން އަދި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 38.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ ގިނަ މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.

